ހުރިހާ ދިވެހި ރައްޔިތުންނަކީ ރިސޯޓުތަކުގެ ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ސީދާ ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ތަރައްގީކުރާ ރިސޯޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް ތަރައްގީކުރާ 10 ރިސޯޓު ހަދާނެ ތަންތަން މި ހަފުތާގެ ތެރޭގައި ކަނޑައަޅައި ނިންމާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ވަރަށް ބާރަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓުތަކުގެ ހިއްސާދާރަކަށް ހެދުމެވެ. އަދި އެ ތަންތަން ހުޅުވުމާއެކު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ސީދާ ޑޮލަރުން ފައިސާ ޖަމާވާނެ މަގު ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އެއިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
އިންސާނެއްގެ ހަށިގަނޑަށް އިރުގެ އަލި ބޭނުންވަނީ ކިހާ ވަރަކަށް؟