90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ފިޔަޖަހާލި ކާޖޮލް، އެ ދާއިރާގައި އޭނާގެ ފުރަތަމަ ދުވަސްތަކާއި އެދުވަސްވަރު ދިމާވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކައިފި އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ އޭނާގެ ހަމުގެ ކުލަ ގަދަވުމުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ގެއްލިފައިވާ ކަމަށާއި ގިނަ ބައެއްގެ ފުރައްސާރަ ވެސް އަމާޒުވި ކަމަށެވެ.

މީގެ އިތުރުން ކާޖޮލް ވަނީ ހަމުގެ ކުލަ އަލިކުރަން އޭނާ ސާޖަރީ ހެދިކަމަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ހަޔާތުގައި ވެސް އެފަދަ ކަމެއް ނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ހަމުގެ ކުލައަށް އައި ބަދަލާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާޖޮލް ބުނީ އެއީ އިރުގެ އައްޔަށް ނުނުކުމެ ހުރުމުން އައި ބަދަލެއް ކަމަށާއި އެކަމުގައި ސާޖަރީގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

މިފަދަ ތުހުމަތުތަކާއި ވާހަކަތަކުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި އަހަރުތަކުގެ ތެރޭގައި އޭނާ މަސައްކަތްކުރީ ވިހާވެސް ރަނގަޅަކަށް ދާއިރާގެ މަސައްކަތްތައް ކުރަން ކަމަށް ކާޖޮލް ބުނެފައިވެ އެވެ.

ކާޖޮލްގެ އިތުރުން އޭނާގެ ދަރިފުޅު ނީސާއަށް ވެސް އަންނަނީ އޭނާގެ ސިފައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވަމުންނެވެ. އެހެން ނަމަވެސް އެ ފާޑުކިޔުންތަކަށް ސަމާލު ނުވުމަށް ނީސާއަށް ނަސޭހަތްތެރިވާ ކަމަށް ކާޖޮލް ބުނެފައިވެ އެވެ.

ކާޖޮލް ބޮލީވުޑަށް ނުކުތީ 1992 ވަނަ އަހަރު ނުކުތް ބޭޚުދީ އިންނެވެ. އޭގެ ފަހުން ކާމިޔާބު ގިނަ ފިލްމުތަކެއް އޭނާ ކުޅެފައިވެ އެވެ.