ނ. މަނަދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގެ ހަބަރާއެކު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ ގާސިމްގެ މަރުގެ މައްސަލައިގައި ވެސް ކުރި ހޯދުނީ, ފުލުހުންގެ ތަހުގީގު ޓީމާއި ފޮރެންސިކް ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ހަމައެގޮތަށް ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ވެސް ފުލުހުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.
ދި އެ މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖައްސާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެ މަސައްކަތް ކުރަމުން އަންނަ އިންވެސްޓިގޭޓަރުންނާއި، ފޮރެންސިކްސް އަދި ލޯކަލް ޕޮލިސް ޓީމުން ފުރިހަމައަށް އެބައޮތް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ގާސިމްގެ މަރުގެ ހަގީގަތް ހޯދުމަށް ތަހުގީގު ޓީމުން ކުރި ބުރަ މަސައްކަތަށް ހަމީދު ވަނީ މަރުހަބާ ކިޔައިފަ އެވެ.
ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް އެރަށުގެ ބައެއް މީހުންގެ ސާމްޕަލް މިހާރު ވަނީ ނަގައިފަ އެވެ.