ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް 365 އައިއެމްއައިއީ މިއަހަރުގެ މިހާތަނަށް ބްލެކްލިސްޓްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ޖަލުގައި ހިންގާކަމަށް ބުނާ ސްކޭމް ފޯނުކޯލުތައް ހުއްޓުވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ލިޔުމުން ސާފުކުރެއްވުމަށް މިނިސްޓަރާއި ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ނަވާބު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ މިއަހަރު ޖަލުގައި އައު އެންޓެނާއެއް ބަހައްޓާފައިވާ ކަމަށެވެ. އެ އެންޓަނާއިން އެ ސަރަހައްދުގައި ބޭނުންކުރާ ފޯނުތަކުގެ މައުލޫމާތު ޖަމާކުރި ނަމަވެސް އެ މައުލޫމާތު ޖަމާވަނީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ސާވާތަކަށް ކަމަށްވާތީ އެ މައުލޫމާތު ހޯދަންޖެހެނީ އެ ކުންފުނިތައް މެދުވެރިކޮށް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. ގައިދީން ބޭނުންކުރާ ފޯނުތައް ދެނެގަތުމަށް ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މޯބައިލް ނަންބަރު ފަދަ މައުލޫމާތާއި އެ މައުލޫމާތަށް އަންނަ ބަދަލުތައް އުސޫލެއްގެ ތެރެއިން ފުލުހުންނާ ހިއްސާކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުންނުދާތީއާއި އަދި ފޯރުކޯށްދޭ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަން،" އިމްރާން ފާހަގަކުރެއްވި އެވެ.
އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމުވާފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ޖަލު ތެރޭގައި ފޯނު ބޭނުންކޮށްގެން ސްކޭމް ހިންގާކަމަށް ފާހަގަވެފައިވާ ގައިދީން އެކަހެރިކުރުމާއެކު އެ ގައިދީން ތިބޭ ގޮޅިތައް ބަލައިފާސްކޮށް އެމީހުންގެ އަތުގައިހުރި މުވާސަލާތީ ވަސީލަތްތައް ފުލުހުން އަތުލާފައިވާކަމަށްވެސް އިމްރާން ވިދާޅުވި އެވެ.