އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކޫކް ދާދި ފަހުން ވަނީ އިންޑިއާގައި ހުޅުވި އެ ކުންފުނީގެ ފިހާރައެއް ރަސްމީކޮށް ހުޅުވައި ދިނުމަށްޓަކައި އިންޑިއާއަށް ގޮސްފަ އެވެ

މި ދަތުރުގައި އެންމެން ހީކުރި ގޮތާ ޚިލާފަށް ވައިގައި ހިފީ މުޅިން ތަފާތު ފޮޓޯ އެކެވެ. ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކުގެ ބަދަލުގައި އެންމެންގެ ލޮލުގައި އަޅައިގަތީ ޓިމް އާއި ބޮލީވުޑްގެ އެކްޓަރު މަދޫރީ ޑިކްސިޓްގެ ފޮޓޯ އެކެވެ.

އެ ފޮޓޯއިން ފެނިގެންދަނީ މުމްބާއީގެ ރެސްޓޯރެންޓެއްގައި ޓިމްއާއި މަދޫރީ އެ ސަރަހައްދުގެ މަޝްހޫރު ކެއުމެއް ކަމަށްވާ "ވަޑާ ޕަވް"އަށް އިންސާފުކުރާ މަންޒަރެވެ.

މި ބައްދަލުވުމާ ބެހޭގޮތުން ކުރި ޕޯސްޓެއްގައި މަދޫރީ ބުނެފައިވަނީ މުމްބާއީއަށް މަރުހަބާ ކިޔަން ވަޑާ ޕަވް ވަރެއް ނޯންނާނެ ކަމަށެވެ. ޖަވާބުގައި ޓިމް ވަނީ އޭގެ ރަހަ ވަރަށް މީރު ކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ.

ވަޑާ ޕަވްއަކީ މުމްބާއީގެ މަގުތަކުގައި ހުންނަ ގާޑިއާތަކުން ވަރަށް އާއްމުކޮށް ލިބެން ހުންނަ ކެއުމެކެވެ. މިއީ މުމްބާއީގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދަށް ޒިއާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަަރަށް މަގުބޫލު ކެއުމެކެވެ.

މަދޫރީއާއި ޓިމްގެ މި ފޮޓޯއާއެކު ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ފަރާތްތަކުން އަންނަނީ އެއަށް ޖޯކު ޖަހަމުންނެވެ. އެގޮތުން ޓިމް އިންޑިއާއަށް އައިސް ބޭނުންވި ކަމަކީ ވަޑާ ޕަވް ކެއުންތޯ ގިނަ ބަޔަކު ސުވާލު ކުރަމުންދެ އެވެ.