ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކާމިޔާބު ލިބޭނޭ ގޮތް ހޯއްދަވައި ދެއްވުމަށެވެ. ޝަރުތަކާ އެކީގަ އެވެ. ގާސިމަށް އިންތިޚާބު ކާމިޔާބުވެއްޖެނަމަ ވެރިކަންކުރަން ނަޝީދާ ހަވާލުކުރާ ގޮތަށެވެ.

ލީކުވެފައިވާ ނުވަތަ ނޭނގޭ ކަމަށް ހަދާފައި މީޑިއާއާ ހިއްސާކޮށްފައިވާ ރައީސް ނަޝީދުގެ ހުށަހެޅުންތަކުން އެނގޭ ގޮތުގައި އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރުމުގެ ބަދަލަކަށް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުން އެދިފައި ވަނީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ހުވާކުރުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކޮށްލާށެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ގާއިމުކުރާށެވެ. އެ ނިޒާމުގެ ދަށުން އުފެދޭ ސަރުކާރެއްގެ ވެރިއަކަށް ރައީސް ނަޝީދު ވެވަޑައިގެންނެވުމަކީ ހުށަހެޅުންތަކުގެ އާޚިރު ނަތީޖާ އެވެ. ގައުމުގެ ބޮޑު ވަޒީރުގެ ހައިސިއްޔަތުންނެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ޕާޓީގެ ލީޑަރު ވެރިކަންކުރުމުގެ ޚިޔާލަކީ ރައީސް ނަޝީދު އަލަށް ފާޅުކުރައްވާ ޚިޔާލުފުޅެއް ނޫނެވެ.

ރައީސް މައުމޫނު ގެންނެވި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރުމުގެ ގޮތުން އެކުލަވައިލެވުނު ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް ރައީސް ނަޝީދު ގޮވާލައްވަމުން ގެންދެވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމަށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެމަނިކުފާނަށް އެފަހަރު ނާކާމިޔާބުވި ކަމަށް ވިޔަސް ބަރުލަމާނީގެ ޚިޔާލު ރައީސް ނަޝީދު ދޫކޮށެއް ނުލައްވަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެމްޑީޕީ އިސްވެއޮވެ ހެދި ކޯލިޝަނުން ވެރިކަމަށް އައީ ވެސް ރައީސް ނަޝީދު ވިދާޅުވާގޮތުން ނަމަ ދައުރު ނިމުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްފަހު، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް އެއްބަސްވެގެންނެވެ. އެފަދަ އެއްބަސްވުމެއްގެ ކަރުދާސްތައް ވެސް ދާދި ފަހުން އެމަނިކުފާނު ވަނީ އާންމު ކުރައްވާފަ އެވެ. އެހެންނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައީސް ނަޝީދާ ވެރިކަން ހަވާލުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅު ހެއްދެވި އެވެ. ރައީސް ސޯލިހުގެ އެއްބާރުލެއްވުން އެކަމަށް ލިބިވަޑައިނުގެންނެވުމުން ވެރިކަން ހޯއްދެވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ނަޝީދު ވަނީ ބަލިވެވަޑައިގެންފަ އެވެ. ނަތީޖާއެއްގެ ގޮތުން ރިޔާސީ ރޭހަށް އެމަނިކުފާނަށް ޕާޓީއަކާއެކު ނިކުމެވޭނެ އެއްވެސް މަގެއް ނެތި ވެރިކަން ލިބުމަށް ހުޅުވިފައި ހުރި ހުރިހާ ދޮރެއްހެން ބަންދުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް އޮތް ހުރިހާ މަގެއް ބަންދުވުމުން ރައީސް ނަޝީދު މިހާރު ގެންދަވަނީ އެމަނިކުފާނުގެ ފިކުރެއްގެ ދިރުމުގެ ޓީމާ އެކު ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރުވަމުންނެވެ. އެކަމަށް ވެސް އެމަނިކުފާނުގެ ޝަރުތަކީ ގާސިމަށް ރިޔާސީ އިންތިޚާބުން ކާމިޔާބުވެއްޖެނަމަ ހުވާކުރެއްވުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޖުމުހޫރީ ޕާޓީން އެއްބަސްވުމެވެ. މާނައަކީ ގާސިމަށް އިންތިޚާބު ކާމިޔާބު ވިޔަސް ވެރިކަން ކުރުމަށް ނަޝީދާ ހަވާލުކުރުމެވެ.

ޖުމުހޫރީ ޕާޓީއަކީ ޕާޓީ އުފެދުނީއްސުރެ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮންނަ ޕާޓީ އެވެ. ޕާޓީގެ ލީޑަރު ގާސިމްއަކީ ރާއްޖޭގެ ވެރިކަންކުރެއްވުމުގެ އަޒުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޕާޓީގެ އިސް ސަފުގައި ތިބި މީހުންނަކީ ކޮންމެ ގޮތަކަށް ވެސް ގާސިމަށް ވެރިކަން ހޯދައިދޭން ބޭނުންވެފައި ތިބި ބައެކެވެ. ކަން މިހެން އޮތުމާއެކު ހުރިހާ ދިމާއަކުން ފެއިލްވުމުން ނަޝީދު ގެންދަވާ އެގްރީމެންޓަކާ ހަވާލުވެ، އިންތިޚާބު ކާމިޔާބުވާ ހިސާބުން ނަޝީދަށް ވެރިކަން ހަވާލުކުރަން ޖުމުހޫރީ ޕާޓީން ގަބޫލުވުމަކީ ނާދިރުކަމެކެވެ. އެހެންކަމުން ވެރިކަން ހޯއްދެވުމަށްޓަކައި ނަޝީދު އުފަންކުރެއްވި ފިކުރަށް އިތުރު ދިރުމެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.