މަސްތަކަކަށް ފަސްކުރަމުން ދިއުމަށްފަހު ޓްވިޓާއިން އެންމެ ފަހުން މަޝްހޫރު ފަރާތްތަކަށް ދީފައިވާ ހާއްސަ ނޫ ފާހަގަ އުނިކުރަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުންފުނި ގަތުމަށްފަހު އިލަން މަސްކް ވަނީ ޓްވިޓީ ބްލޫގެ ނަމުގައި ނޫ ފާހަގަ ލިއްބައިދޭ ސަބްސްކްރިޕްޝަން ޕެކޭޖެއް ތައާރަފް ކޮށްފަ އެވެ.

ވަކި މުއްދަތެއް ދިނުމަށްފަހު މި ޕެކޭޖް އެކްޓިވޭޓް ނުކުރާ ފަރާތްތަކުގެ ނޫ ފާހަގަ އުނި ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އެހެން ނަމަވެސް މިހާތަނަށް އެ ނިންމުން އައީ ފަސް ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޓްވިޓާއިން އަންނަނީ ޓްވިޓާ ބްލޫ އެކްޓިވޭޓް ނުކުރާ ފަރާތްތަކުގެ ނޫ ފާހަގަ އުނިކުރަމުންނެވެ. މިހާތަނަށް ނޫފާހަގަ ނަގާފައިވާ އެކައުންޓް ތަކުގެ ތެރޭގައި ޕޯޕް ފްރާންސިސް، ކިމް ކާޑޭޝަން، ބިލް ގޭޓްސް އަދި އަމީތާބް ބައްޗަން ހިމެނެ އެވެ.

ވަކި ވަކި ފަރާތްތަކުގެ އިތުރުން ބައެއް އިދާރާތަކުގެ ޓްވިޓާ އެކައުންޓުން ވެސް ނޫ ފާހަގަ ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ވޮޗްއާއި އެމެރިކާގެ ސަރުކާރު އިދާރާތައް ވެސް ހިމެނެ އެވެ.

44 ބިލިއަނަށް ޓްވިޓާ ގަތުމަށްފަހު އިލަން މަސްކް ވަނީ އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި އެ މަސައްކަތް ފަށާފަ އެވެ.