ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނީގެ ޓްވިޓާ ބްލޫ ޕެކޭޖު އެކްޓިވޭޓް ނުކުރާ މީހުންގެ ނޫ ފާހަގަ އަތުލަން ފަށާފަ އެވެ.
މި ގޮތުން ނޫފާހަގަ އަތުލެވުނު މަޝްހޫރު ޝަހްސިއްޔަތުތަކުގެ ތެރޭގައި ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ. އަމީތާބު ވަނީޅ އޭނާގެ ނޫ ފާހަގަ އަތުލެވުމުން ހެއްވާ މަޖާ ގޮތަކަށް އެކަމަށް ރައްދު ދީފަ އެވެ.
2.4 މިލިއަނަށްވުރެ ގިނަ މީހުން ބަލައި 52 ހާސް މީހުން ލައިކްކޮށް އަދި 4700 ރީޓްވީޓް ކޮށްފައިވާ އެ ޓްވީޓްގައި އަމިތާބު ވަނީ މަޖާ ގޮތަކަށް އޭނާގެ ނޫ ފާހަގަ އަނބުރާ ދިނުމަށް އެދިފަ އެވެ.
"ޓްވިޓާ ބޭބޭ، އަޑު އަހަންތަ؟ އަހަރެން މިހާރު ފައިސާ ދައްކައިފިން، އެހެންވީމާ އަހަރެންގެ ނޫ ފާހަގަ އަނބުރާ ދީ. އަތް ޖޯޑުކޮށް ވެސް އެދެފިން، ދެން ފައިންޕުޅަށް ވެއްޓި އާދޭސް ކުރަންވީތަ؟ އަމީތާބުގެ ޓްވީޓްގައިވެ އެވެ.
އަމީތާބްގެ މި ޓްވީޓަށްފަހު އެ ކުންފުނިން ވަނީ އޭނާގެ ނޫ ފާހަގަ އަނބުރާ ދީފަ އެވެ. މިކަން ފާހަގަކޮށް ވެސް އަމީތާބް ވަނީ އިތުރު ޓްވީޓެއް ކޮށްފަ އެވެ.
44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށްފަހު އިލަން މަސްކް އެ ކުންފުންޏަށް ގެނައި ބަދަލުތަކުގެ ތެރެއިން ޓްވިޓާ ބްލޫއަކީ މަޝްހޫރު ޝަހްސިއްޔަތުތަކުގެ އެކައުންޓްތައް ވެރިފައިކޮށްދޭ ޕެކޭޖެކެވެ. ކުރިން ހިލޭ ދެމުން އައި މި ޚިދުމަތަށް މިހާރު މަހުން މަހަށް ފައިސާ ދައްކަން ޖެހެ އެވެ.
އަމީތާބުގެ އިތުރުން ނޫފާހަގަ އަތުލެވުނު މަޝްހޫރު މީހުންގެ ތެރޭގައި ޝާހްރުކް ޚާން، ޕްރިޔަންކާ ޗޯޕްރާ، ޕްރަބޫ އަދި ބިލް ގޭޓްސް ހިމެނެ އެވެ.