ކުރީގެ ބޮލީވުޑް އެކްޓްރެސް ސަނާ ޚާން މި އަހަރުގެ އީދު ގޭގައި ފާހަގަކުރަން ނިންމައި އެކަން އޭނާގެ ސަޕޯޓަރުންނާ ހިއްސާ ކޮށްފި އެވެ.

ސަނާ ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް މި މުނާސަބަތު އޭނާއާއި ފިރިމީހާ މުފްތީ އަނަސް ސައްޔަދު ފާހަގަކުރަނީ ސައޫދީ އަރަބިއާގައި ކަމަށާއި އެހެން ނަމަވެސް މިއަހަރު ގެއަށް ދާން ބޭނުންވީ ކަމަށެވެ.

ސަނާއަށް މިއަހަރުގެ ރަމަޟާން މަހަކީ ވަރަށް ހާއްސަ މަހެއް ކަމަށް އޭނާ ބުންޏެވެ. އަލަތު ދަރިފުޅަށް ބަލިވެއިނދެ އޭނާ ހިފި ރޯދައަކީ ދެ މީހުންނަށް ހިފި ރޯދަތަކެއް ކަމުގައި އޭނާ ސިފަކުރެ އެވެ.

ސަނާ ބުނީ މި ހާލަތުގައި ވެސް ރޯދަ ހިފަން ބޭނުންވި ކަމަށާއި އެއްވެސް އުނދަގުލެއް ނެތި ހުރިހާ ރޯދައެއް ފުރިހަމަ ކުރެވުނީތީ އޭނާ އުފާކުރާ ކަމަށެވެ.

"އަހަރެން ހިއެއް ނުކުރަން ހުރިހާ ރޯދައެއް ހިފޭނެ ކަމަކަށް. އެކަމަކު މި ހާލަތުގައި ހިފާ ރޯދައިގެ ދަރުމަ ދެގުނަ ވާތީ އަހަރެން ބޭނުންވީ ރޯދަތައް ހިފަން،" ސަނާ ބުންޏެވެ.

ނިމިގެން ދިޔަ ރޯދަމަހު ސަނާގެ ދެމަފިރިން ވަނީ މައްކާއަށް ގޮސް އުމްރާވެފަ އެވެ. އެހެން ނަމަވެސް އީދަށް އެ ދެމީހުން އިންޑިއާއަށް އައިސްފައިވެ އެވެ.

ސަނާ ވަނީ އޭނާގެ ޅަފަތުގެ އީދުގެ ތަޖުރިބާ ވެސް ހިއްސާ ކޮށްފަ އެވެ. އެގޮތުން ކުޑައިރު އީދު ހަދިޔާ ހޯދުމަށް ތިމާގެ މީހުންގެ ގޭގެއަށާއި އަވަށްޓެރި ގެތަކަށް ދާ ހަނދާން އޭނާ އާކުރި އެވެ.

ބިގް ބޮސްއިން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ސަނާ ޚާން ވަނީ ފިލްމީ ދާއިރާ ދޫކޮށް މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ މުފްތީ އަނަސް ސައްޔިދުއާ ކައިވެނި ކުރުމަށްފަހު ބުރުގާ އަޅާފަ އެވެ.

އެއަށްފަހު ސަނާ އަންނަނީ އެކި މުނާސަބަތުތަކުގައި އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ނަސޭހަތްތައް ދެމުންނެވެ. އަދި އޭނާގެ މިހާރުގެ ދިރިއުޅުން އާއްމުންނާ ހިއްސާ ކުރަމުންނެވެ.