އަކްޝޭ ކުމާރަކީ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން އަބަދުވެސް އަހަރެމެން ހެއްވާލާ ތަރިއެކެވެ. އޮން-ސްކްރީންގައި އާންމުން ހެއްވާލުމުގެ އިތުރުން އޮފް-ސްކްރީނުން ވެސް އޭނާ ފާހަގަވެގެން ދަނީ ހެއްވާ މަޖާމީހެއްގެ ގޮތުގަ އެވެ.

މިފަހަރު އަކްޝޭގެ ސޯޝަލްމީޑިއާގައި ހިއްސާކުރީ ގޭގައި އޭނާގެ ފޯނު ޗާޖްކުރަން އުޅުނަސް ވަކި ހާއްސަ މެހެމާނެއްގެ ސަބަބުން އެކަން ނުވެގެން އުޅޭ ވާހަކަ އެވެ.

ސޯޝަލް މީޑިއާގައި އަކްޝޭ ހިއްސާކޮށްފައި ހުރި ފޮޓޯއިން ފެންނަނީ އޭނާގެ ސްވިޗްބޯޑުގެ ތެރެއަށް ބޮކެއް ވަދެ އޮތްތަނެވެ.

"އަހަރެން އުޅުނީ ފޯނު ޗާޖުކުރަން. އެކަމަކު މިހާރު މިޖެހުނީ ފޯނު ޗާޖުކުރަން އެހެން ތަނެއް ހޯދަން. މިތަން މިއޮތީ އޮކިއުޕައިވެފައި،" އެ ފޮޓޯއާއެކު އަކްޝޭ ލިޔެފައިވެ އެވެ.

އަކްޝޭ ވަނީ ދާދި ފަހުން އަންހެނުން ޓުވިންކަލް ކަންނާއެކު އާ އަހަރު ފާހަގަކޮށްފަ އެވެ. އޭނާ 2020 ވަނަ އަހަރުގެ ފަހު ކޮޅު މި ޕެންޑެމިކްގެ ތެރޭގައި ތިން ފިލްމުގެ މަސައްކަތް މުޅިން ނިންމާލާފައިވެ އެވެ. އެއީ "ބެލް ބޮޓަމް،" "އަތްރަންގީ ރޭ،" އަދި "ޕްރިތްވިރާޖް ޗޯހާން،" އެވެ.

ދެން އެންމެ އަވަހަށް ފަށާނީ "ބައްޗަން ޕާންޑޭ" ގެ މަސައްކަތެވެ. މި ފިލްމުގައި އަކްޝޭ އާއެކު ފެނިގެންދާނީ ކްރިތީ ޝެނަން އާއި ޖެކްލިން ފެނާންޑޭޒް އެވެ.