ނިދާފައި އޮންނަ ވަގުތު ކޮޓަރީގައި އަލި ކިތަންމެ ފަނޑުކޮށް ހުރި ނަމަވެސް އެކަމުގެ ސަބަބުން ހިތުގެ މަސްތަކުގެ ބައްޓަމަށާއި މަސައްކަތަށް ބަދަލު އައިސް ހިތުގެ ބަލިތަކަށް މަގުފަހިވާކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
"ޔޫރަޕިއަން ހާޓް ޖާނަލް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، ހިތުގެ ބައްޔެއް ނެތް 11,000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެ އެވެ.
ދިރާސާގެ ބައިވެރިން ނިދާއިރު އެމީހުންނަށް އަލި ފޯރާ މިންވަރު ދެނެގަތުމަށްޓަކައި ހަތް ދުވަސް ވަންދެން އަތުގައި ސެންސަރެއް ހަރުކޮށްފައިވެ އެވެ.
އޭގެ ތިން އަހަރު ފަހުން، އެމީހުންގެ ހިތުގެ ބައްޓަމާއި މަސައްކަތްކުރާ ގޮތް ބެލުމަށްޓަކައި ކާޑިއަކް އެމް.އާރު.އައި ހަދާފައިވެ އެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ނިދާފައި އޮންނައިރު ކުޑަކޮށް ނަމަވެސް އަލި ފޯރާ މީހުންގެ ހިތުގެ މަސްތައް ބޯވެ، ހިތް މަސައްކަތްކުރާ މިންވަރު ދަށްވާކަން ފާހަގަ ކުރެވުނެވެ. މިއީ މުޅިން އަނދިރިކޮށް ނިދާ މީހުންނާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ.
ކާޑިއޯވަސްކިއުލާ (ހިތާއި ލޭހުންނަ ނާރުތަކުގެ) ނިޒާމަކީ ހަށިގަނޑުގެ ސިާކޭޑިއަން ރިދަމް (24 ގަޑިއިރުގެ އެތެރޭގެ ގަޑި) އާ ވަރަށް ބޮޑަށް ގުޅިފައިވާ ނިޒާމެކެވެ.
ނިދާއިރު އަލި ހުރުމުގެ ސަބަބުން ހަށިގަނޑުގެ މި ނިޒާމަށް ބުރޫ އަރައި، ހޯމޯންތަކަށާއި ލޭގެ ޕްރެޝަރަށް އަސަރުކޮށް ހިތަށް ނޭދެވޭ ބަދަލުތައް އަންނަނީ އެވެ.
މި ދިރާސާއާ ގުޅިގެން ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ، ރޭގަނޑު ނިދާއިރު ކޮޓަރި މުޅިން އަނދިރިކޮށް ބެހެއްޓުމަށެވެ. އެގޮތުން ނައިޓް ލައިޓް ނުވަތަ ކޮޓަރީގެ ބައްތިތައް ނިއްވާލުމާއި، ކޮޓަރިން ބޭރުން އަލި ނުވަންނާނެހެން ފަރުދާ ކުރުމާއި، ނުވަތަ އައި މާސްކް ބޭނުން ކުރުމަކީ ހިތުގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދައުވާކޮށްދޭން އެދިއްޖެ
ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން
ދަރިވަރު މަރުވި އެކްސިޑެންޓް: ކާރު ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް