ބަލްޓިމޯ (3 ޖެނުއަރީ) - ކޮވިޑް- 19ގައި އެމެރިކާއިން މަރުވާ މީހުން ރެކޯޑް މިންވަރަކަށް އިތުރުވެ، އިތުރު ރާޅެއްގެ އިންޒާރު އެގައުމުގެ އޮފިޝަލުން ދެއްވައިފި އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީން އެއްކުރި ޑޭޓާތަކަށް ބަލާއިރު އެމެރިކާގައި ކޮވިޑް ރޯގާގައި މަރުވި މީހުންގެ އަދަދު ވަނީ 350،000 ފަހަނައަޅާފަ އެވެ. އަދި އެގައުމުގެ 20 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން ވަނީ އިންފެކްޓްވެފަ އެވެ.

ކޮވިޑް ކޭސްތައް މިހާބޮޑަށް އިތުރުވުމުގެ ސަބަބެއްކަމަށް ބެލެވެނީ ކްރިސްމަސްގެ އިތުރުން އާހަރު ފެށުމުގެ އުފާ ފާޅުކުރުމަށް ގިނަ ބަޔަކު އެކި ކަހަލަ ޕާޓީތަކާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ގޮސް ހެދުމުގެ ސަބަބުންނެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވިގޮތުގައި ކޮވިޑް ގައިޑްލައިންތަކާ ހިލާފަށް އެއްވުންތަކާއި ޕާޓީތައް ބާއްވަމުން ގެންދާނަމަ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލްގެ އެނދުތައް ފުރި މެނޭޖް ނުކުރެވޭ ވަރަށް ކަންތައްތައް ގޮސްދާނެ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓޭޝަނުން ވަނީ ފައިޒާ އަދި މޮޑާނާގެ ވެކްސިން އެމެރިކާގެ ބޭނުންކުރުމުގެ ހުއްދަ އެގައުމުގައި ދީފަ އެވެ. އަދި އެކަމާ ގުޅިގެން އެމެރިކާގެ އެކި ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ސިފައިންގެ އިތުރުން ޕޯސްޓަލް ހިދުމަތްދޭ ފެޑެކްސް އަދި ޔޫޕީއެސް އިން އަންނަނީ ރެއާއި ދުވާލު ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ލަސްވާކަމަށް ފާހަގަކޮށް މިހާރަށްވުރެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެއްސުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އަރަބް ނިއުސް