އަންނަ އަހަރުގެ ނޮބެލް ޕީސް ޕްރައިޒްއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓް ވެއްޖެ އެވެ.

ޓްރަމްޕް ނޮމިނޭޓްވެފައި މިވަނީ އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ޔޫއޭއީ އާއި ދެމެދު ސުލްހަވެރިކަން ގާއިމުކުރުމުގެ އެއްބަސްވުން ހެދުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ މި އިނާމް އޭނާއަށް ނުދޭތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި އިނާމަށް ޓްރަމްޕްގެ ނަން ހުށައަޅުއްވާފައި ވަނީ ނޯވީންގެ މަޖިލީސް މެމްބަރެއް ކަމަށްވާ ކްރިސްޓިއަން ޓައިބްރިންގް-ޖެއްޑޭ އެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްހަ ކުރެެއްވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ގައުމުތަކުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށްޓަކައި ޓްރަމްޕު ކުރެއްވި ވަރަށް މިހާތަނަށް މި އިނާމަށް ނޮމިނޭޓް ވެފައިވާ އެއްވެސް މީހެއް މަސައްކަތް ކޮށްފައި ނުވޭ،" ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓައިބްރިންގް ޖެއްޑޭ ވިދާޅުވި އެވެ.

އޭނާގެ ނޮމިނޭޝަން ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުގައި ޓްރަމްޕް ވަނީ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދުގައި އޮންނަ ކަޝްމީރު ބޯޑަރުގެ މައްސަލަ އާއި، ނޯތް އަދި ސައުުތު ކޮރެއާގެ ދެމެދުގައި އޮންނަ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކޮށްފަ އެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އާއި އެއްވެސް ގައުމެއްގެ ހަނގުރާމައަށް ނުދާކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ 39 އަހަރުގެ ތެރޭގައި އެކަން އެގޮތަށް ދެމެހެއްޓެވި ހަމައެކަނި ބޭފުޅަކީ ނޮބެލް އިނާމުވެސް ހާސިލުކުރައްވާފައިވާ ޖިމީ ކާޓާ އެވެ.

މިހާތަނާށް އެެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ވަނީ ނޮބެލް ޕީސް ޕްރައިޒް ލިބިފަ އެވެ. 2009 ވަނަ އަހަރު ބަރަކް އޮބާމާ މި އިނާމު ހާސިލް ކުރެއްވި އިރު، ތިއޮޑޯ ރޫސެވެލްޓް 1906 ގައި، ވޫޑްރޯ ވިލްސަން 1920 ގައި އަދި ޖިމީ ކާޓާ އަށް 2002 ވަނަ އަހަރު މި އިނާމު ލިބިވަޑައިގަތެވެ.