ރާއްޖެ ޒިޔާރާތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ބުނާގޮތުގައި މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް އެ ގައުމުން 27،706 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އަންނަ ފަތުރުވެރިންގެ ގައުމުތަކުގެ ތެރެއިން ހަތްވަނަ އަށް އޮތް ގައުމު ކަމަށްވާ ފްރާންސް ފަހަތަށް ޖައްސާލައި ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓް ވަނީ ކުރި ހޯދާފަ އެވެ. މީގެ ކުރިން ޗައިނާ އޮތީ ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކުރާ ފަތުރުވެރިންގެ ލިސްޓުގެ އަށްވަނައިގަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 666،830 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރީ 557،445 ފަތުރުވެރިންނެވެ. އެއާއެކު މިއީ މިދިޔަ އަހަރާއި އަޅާކިޔާއިރު، 19.6 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ޗައިނާގެ ބޯޑަރުތައް ހުޅުވާލުމަށްފަހު އެ ގައުމުން ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު ދަނީ އިތުރުވަމުންނެވެ.