ފުލުހަކަށްވުމީ އަނެކުންނާ ވަރަށް ތަފާތު ވާޖިބުތަކަކާއި, މަސްއޫލިއްޔަތުތަކަކާއި, ޒިންމާތަކެއް އަދާކުރަންޖެހޭ ކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހަކަށް ވުމަކީ ވަރަށް ތަފާތު އިހުސާސްތަކަކާއެކު ހަޔާތުގެ ކޮންމެ ދުވަހެއް, ގަޑިއެއް, މިނިޓެއް, އަދި ސިކުންތެއް ހޭދަ ކުރަންޖެހޭ ކަމެއް ކަމަށެވެ. ފުރިހަމަ ފުލުހަކަށް ވުމަކީ އޭނާގެ ދިރިއުޅުމާއި, އުޅުމާއި ގުޅުންތައް އަދި ބަސްމޮށުންތެރިކަމާއި, މުއާމަލާތްކުރުން މުޅިން އެހެން ލެވެލްއަކަށް ގެންދަން ޖެހޭ ޒިންމާއެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިމްރާން ވިދާޅުވީ ބިންމައްޗަށް ނޭވާލާ އިންސާނިއްޔަތެއް ދިރިއުޅޭ ކޮންމެ މުޖުތަމައުއަކަށް ކަށަވަރުވާންޖެހޭ އެންމެ އަސާސީ ދެ ކަމުންކުރެ އެއް ކަމަކީ އިންސާނާގެ ފުރާނަޔާއި, ހަށިގަނޑާއި މުދަލަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި, ސަލާމަތާއި އަމާންކަން ކަށަވަރުވުން ކަމަށެވެ. މިއަދުގެ ތަހުޒީބު މުޖުތަމައުތަކުގައި މިޒިންމާ ހަވާލުކުރެވިފައިވަނީ ޔުނީފޯމް އަޅުވާފައި ތިބޭ ފުލުހުންނާކަން ވެސް އިމްރާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންގެ އުއްމީދުތައް ވަރަށް މަތިކަމަށެވެ. ފުލުހުންގެ ހިދުމަތުގެ ފެންވަރާމެދު ގިނަ ސުވާލުތަކެއް ކުރެވޭއިރު, ފުލުހުންގެ ހިދުމަތް ކަޑައްތުކޮށްފައިވާ ފުން ވާދީތަކާއި އުސްފަރުބަދަތަކުގެ ތާރީހާމެދު ހަމަނަޒަރަކުން ވިސްނާލުމަކީ ސަބަބުވެރި އިންސާނުން ކޮންމެހެން ކުރަންވާނެކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއާއެކު ފުލުހުންގެ ހިދުމަތުގެ ތާރީހަށް އަލިއަޅުއްވާލައްވާ ވިދާޅުވީ 2003 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާއި ޑިމޮކްރަޓިކް ވިސްނުންތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތަކީ އިންސާނީ މުޖުތަމައުގެ ކަރާމަތަށް އިސްކަންދެވިގެން ފޯރުކޮށްދޭންޖެހޭ މަދަނީ ހިދުމަތެއްކަން ރުހުމާއި, ނުރުހުމާއެކުވެސް އޭރުތިއްބެވި އިސްވެރިންނަށް ގަބޫލުކުރަންޖެހުނު ކަމަށެވެ. 2004 ވަނަ އަހަރު ފުލުހުން މަދަނީ ހިދުމަތެއްގެ ގޮތުގައި ގާއިމްކުރެވުނު ނަމަވެސް މިނިސްޓަރު ވިދާޅުވީ 2004 ން 2008 ގެ އިންތިހާބާ ހަމައަށް ފުލުހުން މަސައްކަތްކުރަން ޖެހުނީ އާދަޔާ ހިލާފް ގަބޫލުކުރުންތަކެއްގެ ތެރޭގައި ކަމަށެވެ. އަދި 2008 ގެ ނޮވެންބަރުން 2012 ފެބްރުއަރީއާ ހަމައަށް ފުލުހުން ދަތުރުކުރީ މުޅިން އެހެން ވާދީއެއްގައި ކަމަށް ވިދާޅުވި އެވެ.

2012 ފެބްރުއަރީން 2013 ވަނަ އަހަރުގެ ނޮވެންބަރާ ހަމައަށް ފުލުހުން ހުރަސްކުރަންޖެހުނީވެސް މުޅިންތަފާތު ޖަންގައްޔެއްގައި ކަމަށާއި, 2013 ން 2018 އަށް ފުލުހުން ކުރިމަތިލާންޖެހުނީ މުޅިން އާ ވައްތަރެއްގެ ތޫފާނަކާ ކަމަށް އިމްރާން ވިދާޅުވި އެވެ. 2018 ގެ ނޮވެންބަރާ ހަމައަށް އައިއިރު ފުލުހުންގެ ސަފުތައް ވަނީ ރޫޅި ހާވިޔާވެފައި ކަމަށާއި, ލީޑަޝިޕް ވަނީ ބަލިކަށިވެ ނިކަމެތިވެފައިކަމަށް އިމްރާން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ރޭންކުތަކުގެ މެދުގައި އޮތީ ނާމާންކަމާ ބިރުވެރިކަން ފެތުރި އާންމުވެފައި ކަމަށެވެ.

"މި ހަގީގަތްތައް ސާފްވާލެއް ބޮޑުކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ފުލުހުންގެ ހައިބަތާ ގަދަރާއި, ކަރާމާތް އަނބުރާ ހޯދައިދުނުމަށް. ފުލުހުންނަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދައިދިނުމުގެ އެޖެންޑާއަކައިގެން. ބައިބައިވެފައިވާ ސަފުތައް އެއްކޮށް, ބަލިކަށިވެފައިވާ ލީޑަޝިޕް ވަރުގަދަކޮށް, މާޔޫސްވެ ނާއުއްމީދުވެފައިވާ އެތައް އޮފިސަރުންގެ އުއްމީދުތައް އުޖާލާ ކުރުވައިގެން. މިސަރުކާރުން ފުލުހުންނާއެކު ފެށީ ބިޔަކަނޑު ހުރަސްކޮށް އަމާން ބަނދަރަކަށް ދިއުމަށް. ވޭތުވެދިޔަ ހަތަރު އަހަރާއި ފަސްމަހުގެ ތެރޭގައި ފުލުހުން ގޮވައިގެން ބިޔަކަނޑު ހުރަސްކޮށް އަމާން އައްސޭރީގެ މަލަމަތި ފެންނަ ހިސާބަށް އަޅުގަނޑުމެން ދަތުރުކޮށްފިން، " އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާންގެ ވާހަކަފުޅު ނިންމާވާލެއްވީ ތަކުރާކޮށް ކުރައްވާ އިލްތިމާސް އަނެއްކާ ވެސް ތަކުރާރު ކުރައްވަމުންނެވެ. އެއީ ކުށްކުރި އެންމެން އަތުލައިނުގަނެވުނަސް ކުށެއް ނުކުރާ މީހަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބުނަ ނުދިނުމަށް ކުރައްވާ އިލްތިމާސްއާއި ފުލުހެއްގެ ނުވަތަ މަދު އޮސަރެއްގެ ފުށުން ދިމާވާ ކަމެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމް ނުކުރުމަށް ރައްޔިތުންނަށް ކުރައްވާ އިލްތިމާސް އެވެ.