މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރަމުން ދަނީ މަލިކު ކައިރީގައި އޮތް ކޮޅިގަނޑެއްގެ ސަބަބުން ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓްގެ މީޑިއާ އޮފިޝަލު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނީ ކޮން ދުވަހަކުން ކަމެއް ނޭނގޭ ކަމަށެވެ.

އޮފިޝަލް ބުނީ، މިއީ ދެމޫސުން ބަދަލުވަމުންދާ ދުވަސްކޮޅު ކަމަށާއި، އެހެންނަމަވެސް ހުޅަނޑު މޫސުން އަދި ފެށިފައި ނުވާ ކަމަށެވެ. ވިއްސާރަ ކުރަމުން ދިޔަ ނަމަވެސް ހުޅަނގު މޫސުމުގައި ފާހަގަކުރެވޭ ކަންކަން މިހާރު ކުރަމުންދާ ވިއްސާރައިން ފާހަގަ ނުކުރެވޭކަމަށް އޮފިޝަލް ބުނެފައިވެ އެވެ.

އޭގެ އިތުރުން މަލިކު ކައިރީގައި އާދައިގެ ކޮޅިގަނޑެއް އުފެދިފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މިހާރު ކުރަމުންދާ މި ވިއްސާރައަކީ އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރެއް ކަމަށް އޭނާ ފާހަގަކުރި އެވެ. ނަމަވެސް އެއީ އެހާ ބާރުގަދަ ކޮޅިގަނޑު ނޫންކަމަށް އޭނާ ބުނެފައިވެ އެވެ.

މި ދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.