ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކަރީނާ ކަޕޫރް އާއި ޝާހިދް ކަޕޫރުގެ ލޯބީގެ ވާހަކަތަކަކީ މަދުމަދުން ނަމަވެސް އަދިވެސް ދެކެވޭ ވާހަކަތަކެކެވެ.
އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑަށް ދެކެވެމުން ދިޔައީ އެ ވާހަކަތަކޭ ބުނުމުން ވެސް ދޮގަކަށް ނުވާނެ އެވެ. ހަމަ އެހެންމެ ކަރީނާ އާއި ޝާހިދުގެ ޖޯޑަކީ އާންމުންގެ ލޯތްބާއި ތަރުހީބު އެންމެ ބޮޑަށް ލިބުނު އެއް ޖޯޑެވެ.
އެހެން ނަމަވެސް ދެ ތަރިން ވެސް ލޯބީގެ ގޮތުން އޮތް ގުޅުން މޮހާލައި ކައިވެނި ކުރީ އެހެން ބަޔަކާ އެވެ. ކަރީނާ އޭނާގެ ކޯސްޓާ، ސައިފް އަލީ ޚާންއާ ކައިވެނިކޮށްފައިވާއިރު، ޝާހިދު ކައިވެނި ކުރީ މީރާ ރާޖްޕުތްއާ އެވެ. ދެމީހުންގެ ލޯބީގެ ގުޅުން ނިމުނު ނަމަވެސް، އެކުވެރިކަމުގެ ގުޅުން ދަމަހައްޓާކަމަށް ކަރީނާ ބުނި އެވެ.
އެގޮތުން ކަރީނާ ބުނިގޮތުގައި ޝާހިދު ކައިވެނި ކުރާކަން މީޑިއާތަކާއި އާންމުންނާއި އަދި ގާތް އެކުވެރިންނަށް އެންގުމުގެ މާކުރިން ކަރީނާއަށް އެންގި އެވެ. އަދި އެއީ އެ ދެމީހުން ވެސް ދެމީހުންގެ އެކުވެރިކަމަށް ކުރާ ގަދަރާއި އިހުތިރާމު އަންގައިދިން ކަމެއް ކަމަށް ކަރީނާ ބުންޏެވެ. ކަރީނާ ބުނިގޮތުގައި ޝާހިދުގެ ކައިވެންޏާއި ގުޅިގެން އޭނާ އެދެނީީ ޝާހިދަށް އުފާވެރި ޒަވާޖީ ހަޔާތެކެވެ.
ކަރީނާ އާއި ސައިފް 2012 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު، އެދެމީހުންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފަ އެވެ. އަދި ޝާހިދު ކައިވެނި ކުރީ މީރާ ރާޖްޕުތްއާ އެވެ. އެ ދެމީހުންނަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.