މާލެ އިން ތިލަފުއްޓާއި ހަމައަށް ބްރިޖް އެޅުމަށް ކުރާ މަސައްކަތުގައި ބޭނުންކުރަމުން ގެންދިޔަ އުޅަނދެއް ފަރަށް އަރައިފި އެވެ.
އެނގިފައިވާގޮތުގައި ފަރަށް އަރާފައިވަނީ މަސައްކަތުގައި ބޭނުންކުރާ ބާޖެކެވެ. އަދި އެބާޖު ވިލިމާލެ ފަރަށް އަރާފައިވާއިރު، ރޭ 23:00 ހާއިރު އެ ބާޖު ފަރަށް އެރިކަމަށް މައުލޫމާތުލިބެ އެވެ.
ސޭވް ދަ ބީޗް އިން މިކަމާއި ގުޅިގެން ކުރި ޓްވީޓެއްގައި ބުނީ އުޅަނދު ފަރަށް އަރައިގެން ގޮސް ވިލިމާލެއާ ދާދި ގާތަށް ގޮސްފައިވާކަމަށެވެ. އެހެންނަމަވެސް އުޅަނދު އިތުރަށް ފަރަސް އެރިޔަ ނުދީ ފަރު މަތިން ނަގަން އެއްވެސް ފަރާތަކުން މަސައްކަތް ކުރާތަން ފެނިފައި ނުވާކަމަށް އެފަރާތުން ބުނެފައިވެ އެވެ.
ސޭވް ދަ ބީޗްއިން މި މަންޒަރު ދައްކައިދޭ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެ ވީޑިއޯގައި އުޅަނދު އެއްގަމާއި ކައިރިކޮށްފައިވާތަން ފެނެ އެވެ. މީގެ ސަބަބުން އެސަރަހައްދުގައިވާ މުރަކަތަކަށް ބޮޑެތި ގެއްލުންވާނެކަން ފާހަގަކޮށް އެފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް މިހާދިސާ އާއި ގުޅިގެން މިހާތަނަށް ބުރިޖުގެ މަސައްކަތާއި ހަވާލުވެގެން ހުރި އެފްކޮންސް އިން ބަހެއް ބުނެފައެއް ނުވެ އެވެ.