ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ނުދާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާއިމެދު އިޓްލޮސްއިން ނިންމިގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ކުރެއްވި ޓްވީޓްއަކާ ގުޅިގެންނެވެ.

ދިވެހީންނަށް މި ފުރުސަތު ގެއްލިގެން ދިއުމުގައި، ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ހުކުމުގެ ގަޒިއްޔާގެ 20 ވަނަ ސަފުހާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.

ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހިވިކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅެނީ އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށް ރައީސްވެސް ވަނީ ވިދޅާުވެފައި އެވެ.

ރައީސް ވިދާޅުވީ އެ ސިޓީ އަކީ ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ކަމަށް ރާއްޖެއިން ދެން ނުބުނާނެކަން އެންގުން ކަމަށާއި ކުރިން ޗާގޯސް، މޮރިޝަސްގެ ބާރުގެ ދަށަށް ގޮސްފައި އޮތުމާ އެކު ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އެ ސިޓީ އަކީ އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި އެއީ ދެ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.