ޗާގޯސް މައްސަލާގައި ރާއްޖެ އާއި އެއްކޮޅަށް އިޓްލޮސް އިން ނިންމި ނިންމުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިންމުން ކަމަށް އެއަށް ވުރެ ރަނގަޅު ނިންމުމެއް ނުނިންމޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އިޓްލޮސްގެ ނިންމުމާ އެކު ޗާގޯސްގެ އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން މިދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޮލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެ ސިޓީ ހާމަ ނުކުރާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
އެހެން ނަމަވެސް ރައީސް ސޯލިހު ވަނީ އެ ސިޓީފުޅާ ގުޅިގެން ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ ޑރ. ޝަހީދު ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ ރައީސްގެ ސިޓީފުޅުން އެއްވެސް ބަދަލެއް ނިންމުމަށް ނާންނަ ކަމަށެވެ. އަދި އިޓްލޮސް އިން ނިންމި ނިންމުމަށް ވުރެ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ އެމަނިކުފަނު ގަބޫލު ކުރައްވާ ގޮތުގައި އިޓްލޮސްގައި ވަކާލާތުކުރެއްވިއިރު، ރާއްޖޭގެ ބަނޑާރަ ނައިބު ރިއްފަތު އާއި ދައުލަތުގެ ވަކީލުން އެކުރެއްވީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.
ޝަހީދު ވިދާޅުވީ ރައްޔިތުން ކަންބޮޑުވަނީ އދ. ގައި ނެގި ވޯޓާ ގުޅިގެން ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާއި އދ. ގައި ރާއްޖޭގެ ވޯޓް ބަދަލުވި ގޮތުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ހިއްސާ ނުކުރުމުން ކަމަށެވެ. މިއީ ސަރުކާރުން މައުލޫމާތު ފޯރުކޮށްދިނުމުގައި އޮތް ފެއިލިއާއެއް ކަމަށް ޝަހީދު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެ އަށް ރާއްޖޭގެ ދެކުނުން އޮތީ 12 މޭލު ކަމަށެވެ. އެހެން ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 200 މޭލު ބޮޑުވެގެންދިޔަ އެވެ.
އިޓްލޮސްގެ ނިންމުމާއި އަދި ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނާ ސިޓީއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.