ދިރުއުޅުމުގައި ދިމާވާ ކަންތައްތަކުން އަރައިގަތުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. މިކަމުގައި އަހަރު ނުވަތަ ދެ އަހަރު ހޭދަކުރާ މީހުން ވެސް އުޅެ އެވެ. އެހެން ނަމަވެސް މީހުން ބުނާ ވާހަކައެއް އޮވެ އެވެ. ހިރުވާ އެއްވެސް ތަނެއް ނުކަހާ ރަނގަޅެއް ނުވާނެ އެވެ. އެހެން ކަމުން މިކަމަށް އޮތް އެންމެ ކާމިޔާބު ފަރުވާގެ ވާހަކަ ދައްކަން ހިނގާށެވެ.

އެއީ އަމިއްލަ ނަފްސުދެކެ ލޯބިވުމެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. މީގެ ސަބަބުން ދިރިއުޅުމުގައި ކުރިއަށްދާން ފަސޭހަވާނެ އެވެ. ފަހަތަށް އެނބުރި ބަލާލާއިރު ދިމާވެފައިހުރި މީހުންނާއި، ކުރެވިފައި ހުރި ތަޖުރިބާތަކާއި މެދު ފުންކޮށް ވިސްނާލާފައި އެއީ ތިމާއަށް ބޭނުންހުރި އެއްޗެއް ނޫންކަން ވިސްނާށެވެ. ތިމާގެ ދިރިއުޅުން ބައްޓަން ކުރަންވީ އެހެން މީހުން ބޭނުންވާ ގޮތަކަށް ނޫންކަން ދަންނާށެވެ.

އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ މިހާގެ ހިތްވަރު ގަދަކޮށްދޭ ކަމެކެވެ. އޭގެ ސަބަބަބުން ތިމާގެ ދިރިއުޅުމުން ދާން ބޭނުންވާ މީހެއްހުރި ނަމަ އެމީހަކު ދިއުމަށް މަގުދައްކާ، ދޮރު ހުޅުވައިދޭނެ ހިތްވަރު ލިބިދޭނެ އެވެ. އަދި ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ވެސް ބޮޑުވެ އެވެ. ތިބާ އުފަލުގައި ހުންނަން އެހެން މީހެއްގެ އެހީތެރިކަން ބޭނުންނުވާކަން އިހުސާސްކުރެވެން ފަށާނެ އެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވާ މީހުންނަކީ އެމީހުން ބޭނުންވާގޮތް ހާމަކުރުމަށް ފަސްޖެހޭނެ ބައެއް ނޫނެވެ. އަދި މީހުން ހަދާ ދޮގުތަކާއި ފޭކު ވައުދުތަކަށް ހެއްލޭނެ މީހުންނެއް ނޫނެވެ. މީގެ ސަބަބުން ތިމާދެކެ ހަގީގީ ލޯބިނުވާ މީހުންނާއި، ތިމާ އަކީ އެމީހުންނަށް މުހިއްމު މީހެއްކަމަށް އިހުސާސް ނުކޮށްދޭ މީހުންގެ ކިބައިން އަމިއްލައަށް ދުރުވެގަންނާނެ އެވެ.

އަމިއްލަ ނަފްސުދެކެ ލޯބިވާ މީހުންނަކީ ހިތްހަރު މީހުންނޭ ނުބުނާށެވެ. އެމީހުންނަކީ މީހުން ކިޔާއެއްޗަކަށް ނުވިސްނާ ކޮންމެ ހާލަތެއްގައިވެސް އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން އިސްކުރާ މީހުންނެވެ. މިއީ ފަރުވާގެ ފެށުމެވެ. ފުރަތަމަ ފަށައިގަންނައިރު ވަރަށް އުނދަގޫކަމަށް ހީވެދާނެ އެވެ. ނަމަވެސް އަމިއްލަ ނަފްސު ދެކެ ހަގީގީ ލޯބިވާން ފަށާ ހިސާބުން އެއީ ކިހާ މުހިއްމު އަދި އުފާވެރި އިހުސާސެއްކަން އިނގޭނެ އެވެ.