ސައުތު ކޮރެއާގެ ސޯލްގެ ލީއުމް މިއުޒިއަމް އޮފް އާޓްގެ ފާރެއްގައި ހަރުކޮށްފައި ހުރި އަގު ބޮޑު ދޮންކެޔޮވައް ނައްޓާލައިގެން މިއުޒިއަމަށް ޒިޔާރަތްކުރި ދަރިވަރަކު ކާލައިފި އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަގު ބޮޑު ދޮންކެޔޮވައް ނައްޓާލައިގެން ކާލާފައި ވަނީ ސޯލް ނެޝަނަލް ޔުނިވަސިޓީގެ ދަރިވަރެކެވެ.

ސައުތު ކޮރެއާގެ ސޯލްގެ ލީއުމް މިއުޒިއަމް އޮފް އާޓްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އެ ދަރިވަރު ދޮންކެޔޮވައް ކާލީ ބަނޑުހައިވެގެން ކަމަށެވެ. އަދި އެވަރުން ނުވެގެން އޭގެ ތޮށިގަނޑު އަލުން އެތަނުގައި ޓޭޕް ލާފައި ތަތްކޮށްފައި މި ދަރިވަރު އަވަހަށް އެތަނުން ވަނީ ގޮސްފަ އެވެ.

އެ ދަރިވަރަށް މި ދޮންކެޔޮވަކަކީ އެހާ އަގު ބޮޑު އެއްޗެއް ކަމެއް ނޭނގެ އެވެ. ބަލާބެލުމަށް ފާރުގައި ހަރުކޮށްފައި ހުރި ދޮންކެޔޮވަކެއްހެން ހީވިއަސް މިއީ އިޓަލީގެ ވިޝުއަލް އާޓިސްޓް މައުރީޒިއޯ ކެޓެލާންގެ ވަރަށް އަގުހުރި އާޓް ޕީސް އެކެވެ. މިއީ 120،000 ޑޮލަރުގެ އަގުހުރި އާޓް ޕީސްއެކެވެ.

މިއުޒިއަމްގައި ހަރުކޮށްފައި އިން "ދޮންކެޔޮ" ވަތް ކާލާފައި

މި ދަރިވަރު ދޮންކެޔޮވައް ނައްޓާލައިގެން ކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

މިއުޒިއަމްގެ ފާރެއްގައި ހަރުކޮށްފައިވާ މި ދޮންކެޔޮވައް ނޯހް ހުޔިން-ސޫ ނަމަކަށް ކިޔާ މި ދަރިވަރު ނައްޓާލައިގެން ކާލުމަށްފަހު އޭގެ ތޮށިގަނޑު ޑަކްޓް ޓޭޕް ލައިގެން އެ ތަނުގައި ހަރުކުރާތަން ވެސް ވީޑީއޯއިން ފެނެ އެވެ. އަދި އެ މަންޒަރު ބަލަން މިއުޒިމަށް ޒިޔާރަތްކުރި ގިނަ ބަޔަކު ތިބިއިރު، އެ ކުއްޖާ ދޮންކެޔޮވައް ކާލައިގެން ވަރަށް ހަމަޖެހިލާފައި އުފަލުން ހެމުން އެތަނުން ދާތަން ވެސް ވީޑިއޯއިން ފެނެ އެވެ.

އާޓިސްޓް މައުރީޒިއޯ އަށް ވެސް މި ހާދިސާގެ ޚަބަރު ދީފައިވާ ކަމަށާއި ނަމަވެސް އޭނާ މިކަމާ އެއްވެސް އެއްޗެއް ނުބުނާ ކަމަށް ވެއެވެ.

މިއުޒިމުން ވަނީ އެ ތޮށިގަނޑު ނަގައި އެތަނުގައި އަނެއްކާވެސް ތާޒާ ދޮންކެޔޮވަކެއް ހަރުކޮށްފަ އެވެ.