ޕީއެންއެފް އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައި ރައީސް ޔާމީން އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަކާ ގުޅިގެން ފުލުހަށް ހާޒިރުކުރަން އުޅެފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް އަންގައި ޗިޓު ހަވާލުކުރަން ދެ ފަހަރެއްގެ މަތިން ފުލުހުން މިއަދު ހ. ދޫވެހިއަށް ދިޔަ އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން އުޅެނީ ޑިސެމްބަރު 2024 ގައި މާފަންނު ގްރީން ބިލްޑިންގުގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅުވައި ރައީސް ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނިކޮށެވެ. އަދި ފުލުހުން ކުރަން ބޭނުންވި ސުވާލުތަކަށް ރައީސް ޔާމީން މިހާރު ޖަވާބު ދެއްވާފައިވާ ކަމަށް ވެ އެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތް އަނދައި އަޅިއަށްވި ހާދިސާ، ދިވެހި ފުލުހުންނާއި ބޭރުގެ މާހިރުން ގުޅިގެން ފުރިހަމައަށް ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީގުން ދައްކާފައިވަނީ އެއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުވަތަ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޑިސެމްބަރު 2024 ގައި ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި މުޅި އިމާރާތް އަނދައި، ދައުލަތުގެ ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކާއި ޑޭޓާ ސާވާތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.