ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ބައްދަލުކުރާއިރު، ދިވެހިރާއްޖޭގައި ނޫސްވެރިކަމަށް އޮތް ދަތިތަކާއި ހުރަސްތައް ވެސް ވަކި ކުޑައެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މިދުވަހުގެ މުނާސަބަތުގައި މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ދެއްވި ޚިޠާބުގައި ވިދާޅުވީ ވަކި ދުވަހެއް ކަނޑައެޅިގެން މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދެނެގަތުމާއި، ނޫސްވެރިކަމާއި ނޫސްވެރިންގެ މިނިވަންކަމަށް ދެވޭ ހަމަލާތަކުން އެ ފަރާތްތައް ދިފާޢުކުރުންކަމަށެވެ. ނަމަވެސް އަދިވެސް ނޫސްވެރިންނަށް ހުރި ދަތިތަކާއި ހުތރަސްތައް ކުޑަ ނޫން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

" މަސްދަރު ހާމަކުރުމާއި ގުޅޭ ބިލްގެ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ވަނީ ޕާކްކޮށްފައި. އަދި މީގެ އިތުރުން ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހަކާ ނުރައްކަލެއް ކުރިމަތި ވާނެ އިސްލާހެއް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައި އެބައޮތް" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ނޫސްވެރިން ފަހުރުވެރިކަމާއި ޝަރަފުވެރިކަމާއެކު، މުޅިން އާ ހިތްވަރަކާއެކު ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ނޫސްވެރިންނާއި މީޑިއާގެ މަސައްކަތުގައި ދިމާވާ ކޮންމެ ގޮންޖެހުމެއް ކަޑައްތުކުރުމުގައްޔާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި، ނޫސްވެރިންނާއި މީޑިއާތަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަބަދުވެސް އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.

.