ޔަޝް ރާޖް ފިލްމްސް އިން މިހާރު ތައްޔާރުވަމުން ދަނީ އެ މީހުންގެ އެންމެ ބޮޑު ފިލްމުތައް ނެރުމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ކެތްމަދުވެފައި ތިބޭނީ ދޫމް ފްރެންޗައިސްގެ ފިލްމަކަށް ކަން ޔަގީނެވެ.
މި ފިލްމުތައް މަޝްހޫރުވެފައިވަނީ އެ ފިލްމުތައް ކުޅެފައި ހުންނަ ސަޅި ލޮކޭޝަން ތަކުންނާއި ބެލުންތެރިން ހީވެސް ނުކުރާ ފަދަ ތަރިން ނުބައި މީހެއްގެ ރޯލުން ދައްކައިގެންނެވެ. އެގޮތުން ފުރަތަމަ ފިލްމުގައި އެދަފަ ރޯލަކުން ޖޯން އަބްރަހަމް، ދެވަނަ ފިލްމުގައި ރިތިކް ރޯޝަން އަދި ތިން ވަނަ ފިލްމުގައި އާމިރު ހާން ފެނިގެން ދިޔަ އެވެ.
ރިޕޯޓުތައް ބުނާގޮތުން ދޫމްގެ ހަތަރުވަނަ ފިލްމު ތަފާތުކޮށްލުމުގެ ގޮތުން ޔަޝް ރާޖް ފިލްމްސް އިން ނިންމާފައި ވަނީ ނުބައި މީހާގެ ރޯލުން އަންހެން ތަރިއެއް ދެއްކުމަށެވެ. އަދި މި ރޯލަށް ދީޕިކާ ޕާޑުކޯން ހަމަޖެއްސުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ހަބަރު ލިބެ އެވެ.
މިހާރުވެސް ދިޕިކާ ދަނީ ވައިއާރްއެފްގެ ޕަޓާން ފިލްމުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި ދީޕިކާގެ އިތުރުން ޝާހްރުކް ޚާން ވެސް ފެނިގެން ދާނެ އެވެ.