ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާ ޖަލު ގޮޅީގެ ހާލަތު ބެއްލެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލަށް މިއަދު ވަޑައިގެންފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އެކު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވެސް ޖަލަށް ވަޑައިގެންނެވި އެވެ. މިނިސްޓަރު އިމްރަން ޖަލަށް ވަޑައިގެންނެވީ ރައީސް ޔާމީން ހުންނަވާ ޖަލުގެ ހާލަތާ ގުޅެގޮތުން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގިނަ ތުހުމަތުތަކެއް އިމްރާން އަށް ކުރައްވާފައި ވަނިކޮށެވެ.
ކަރެކްޝަންސް އިން މިއަދު ބުނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓަރު މިއަދު ޖަލަށް ވަޑައިގެންނެވީ ރައީސް ޔާމީން ހުންނަވާ ޖަލުގެ ގޮޅި ބައްލަވާލެއްވުމަށް ކަމަށެވެ.
އިމްރާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލު ކުރެއްވި ކަމެއް އަދި ޖަލު ގޮޅިން ފާހަގަވި އެއްވެސް ކަމެއްގެ ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަށް ޖަލުގައި އެކިކަހަލަ އަނިޔާތައް ދެމުން ގެންދަ ކަމަށާއި އެ އަނިޔާތައް ދެމުންގެންދަނީ ސީދާ އިމްރަންގެ އެންގެވުމަށް ކަމަށެވެ. އަދި ޔާމީން ހުންނަވާ ޖަލު ގޮޅިގެ ފާހާނާ އާއި ގޮޅި ތެރޭގައި ކެމެރާ ހަރުކޮށް ހުރިހާ މޫވްމަންޓެއް އިމްރާން ބައްލަވަމުން ގެންދަވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.