އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ ދެ އަހަރެއްހާ ދުވަސް ފަހުން އެ މަޖިލީހަށް ރައީސް ތިން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނުނު" ގެ ދަށުން، "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ނަމުގައި މަޖިލީހެއް އުފައްދަވާފައި ވަނީ 25 އޭޕްރިލް 2016 ގަ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްލާމީ ފަތުވާދޭ މަޖިލީހުގައި ދެ އަހަރު ވެގެންދިޔައިރުވެސް އިންނެވީ އެންމެ މެންބަރެކެވެ. އެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެވެ.

ފަތުވާ މަޖިލިހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް އެ މަޖިހުގައި މިހާރު ފުރުއްވަމުން ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ 2027 އަށެވެ.

ޔާމީންގެ ސަރުކާރުގައި ވެސް ފަތުވާ މަޖިލިސް ވަރަށް ރަނގަޅަށް ހިންގަމުން އައި ނަމަވެސް އެ މަޖިލިހުގެ ފަސް މެމްބަރުންގެ މުއްދަތު 2021 ވަނަ އަހަރު ހަމަވުމާއެކު، މިހާތަނަށް އައިރު އެމަޖިލީހުގެ ހަތަރު މެމްބަރުންގެ މަގާމު އޮތީ ހުސްވެފަ އެވެ.

ރައީސް އޮފީޙުން ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހުސްވެފައިވާ 4 މަގާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވަންޖެހޭ 3 ބޭފުޅުން ޢައްޔަންކުރައްވާފައިވާ ކަމަށެވެ. ފަތުވާ މަޖިލީހަށް އަލަށް ޢައްޔަންކުރެއްވި 3 ބޭފުޅުންނަކީ، ޑރ. އަބްދުސައްތާރް ޢަބްދުއްރަޙްމާނާއި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި އައްޝައިޚް އިލްޔާސް ޙުސައިނެވެ.

ކޮމިޓީގައި މިހާރު ހުސްކޮށް އޮތީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ޢައްޔަންކުރައްވަން ޖެހިވަޑައިގަންނަވާ މެންބަރެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހަކީ ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާދެއްވުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާގުޅޭ ދީނީ ލަފާޔާއި އިރުޝާދުދެއްވުމެވެ.

މި މަޖިލިސް ހިންގަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ބެލެނިވެރިކަމުގެ ދަށުންނެވެ.