ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ކެޓްރީނާ ކައިވެނި ކުރި ފަހުން އޭނާ ބަލިވެއިންކަމުގެ ވާހަކަތަކެއް މީޑިއާގައި ވަރަށް ގިނައިން ދެކެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް އެ ވާހަކަތައް ދޮގުކުރެ އެވެ.

އެޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކެޓްރީނާ ކައިފް ވަނީ ދަރިޔަކު ހޯދުމާ ބެހޭ ގޮތުން އޭނާގެ ރައްޓެހިންނާއެކު މަޝްވަރާ ކޮށްފަ އެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި ކެޓްރީނާ ކުއްޖަކު ހޯދާނީ މިހާރު އޭނާއަށް ލިބިފައި ހުރި ފިލްމުތަކުގެ މަސައްކަތް ނިމުމުންނެވެ.

އެގޮތުން ކެޓްރީނާ އަށް ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި ފަރާ އަޚްތަރުގެ "ޖީ ލެ ޒަރާ" ހިމެނެ އެވެ. މި އަހަރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމުގެ ކާސްޓްގައި ކެޓްރީނާއާ އެކު ދެން ހިމެނެނީ އާލިއާ ބަޓާއި ޕްރިޔަންކާ ޗޯޕްރާ އެވެ. މި ފިލްމަކީ އެކްސެލް އިން ހަދާ ތިން ވަނަ ރޯޑް ޓްރިޕް ފިލްމެވެ. ކުރީގެ ދެ ފިލްމަކީ ތިން ފިރިހެން އެކުވެރިންތަކެއްގެ ވާހަކަ ކިޔައިދިން 2001 ގެ "ދިލް ޗާތާ ހޭ" އާއި 2013 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ.