ތިލަ މާލެ ބްރިޖް މަސައްކަތުގައި ވިލިމާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް ފަށައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މާލޭގެ އެއްގަމުގައި ޖަހާ ތިން ތަނބުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ވިލިމާލެގެ އެއްގަމުގައި ޖަހާ ހަތް ތަނބެއްގެ މަސައްކަތް ކަމަށެވެ. އެގޮތުން ތަނބުތަކުގެ ޕައިލިން މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ތިލަމާލެ ބްރިޖް ފުރަތަމަ ގުޅާލާނީ މާލެއިން ވިލިމާލެއަށް އަދި ވިލިމާލެއިން ގުޅިފަޅާ ހަމައަށެވެ.
ބްރިޖް ގުޅާލާ ސަރަހައްދު ތަރައްގީކުރަނީ ވިލިމާލެއިން ބިން ހިއްކައިގެންނެވެ. މިހާރު ބިން ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ
މާލެއާއި ވިލިމާލޭގެ އިތުރުން ގުޅީފަޅުން އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
ގްރޭޓަ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.
ބްރިޖްގެ ގިނަ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގައި ގާއިމުކޮށްފައިވާ އެފްކޯންސްގެ ސައިޓުގަ އެވެ. މިގޮތުން ތަނބުތަކާއި ބްރިޖްގެ މައި ސްޓްރަކްޗާގެ އެކި ބައިތައް ވަކިވަކިން ހެދުމަށްފަހު ގެންދަން ޖެހޭ ސަރަޙައްދަކަށް ގޮސް އިންސްޓޯލް ކުރުމަށް ވަނީ ނިންމާފަ އެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.