ކަލާޒް ޗެނެލުން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީގެ" ގެ 13 ވަނަ ސީޒަން ޖުލައި 17 ގައި ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓްކުރާ ސްޓަންޓް ރިއަލިޓީ ޝޯ މި ފަހަރު ވެސް ހޯސްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. މި ފަހަރުގެ ޝޯ ވެސް ގެނެސްދިނުމަށް ނިންމާފައި ވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުނުންނެވެ.

މި ފަހަރުގެ ޝޯ ޝޫޓިން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިޝޯ ކަލާޒް ޓީވީއިން ގެނެސްދިނުމަށް ނިންމާފައި ވަނީ ޖުލައި 17 ގަ އެވެ. މި ޝޯ އަކީ އަބަދުވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ.

https://www.youtube.com/watch?v=oy1VxsfOfxE

މިފަހަރުގެ ސީޒަންގައި ބައިވެރިވާ ބައެއް ތަރިން ވަނީ މީޑިއާއާ ބައްދަލުކޮށް މިފަހަރުގެ ޝޯއާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން މި ސީޒަންގައި ފެނިގެންދާ ބައިވެރިންގެ ތެރޭގައި "ބިގް ބޮސް 16" ގައި ފެނިގެންދިޔަ ޝިވް ތަކުރޭ، ރޮނިޓް ރޯއީ، އަދި ޑޭޒީ ޝާހް ހިމެނެ އެވެ. މީގެ އިތުރުން ވެސް އެހެން ތަރިން ވެސް މި ޝޯގައި ފެނިގެންދާނެ އެވެ.

"ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ކާމިޔާބު ކުރީ ކޮރިއޯގްރާފު ތުޝާރު ކާލިއާ އެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ. އެގޮތުން "ހަތުރޯން ކޭ ކިލާޅީ" ގެނެސްދޭން ފެށީ 2008 އިން ފެށިގެންނެވެ.