ޕީސީއޯއެސް ނުވަތަ ޕޮލީސިސްޓިކް އޯވޭރިއަން ސިންޑްރޮމް އަކީ ދުުނިޔޭގެ އެތައް އަންހެނުންނެއް ތަހައްމަލް ކުރާ ބައްޔެކެވެ.

މިބަލީގައި އަންހެނުންގެ މައްސަރު ކަންތަކާއި ދަރިމައިވުމުގައި ދަތިތަކެއް ހުރުމުގެ އިތުރުން ވެސް ބަޔާން ނުކުރެވޭ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

ޕީސީއޯއެސް ހުންނަ ބޮލީވުޑް ތަރިންގެ ތެރޭގައި ވެސް މަޝްހޫރު ތަރިން އެ ބައްޔަށް ފަރުވާހޯދަމުންދެ އެވެ. އަދި މިއީ ތަރިން ވަރަށް ހާމަކޮށް ދައްކަމުން ގެންދާ ވާހަކަތަކެކެވެ.

އެގޮތުން ޝްރޫތީ ހަސަން އަކީ ޕީސީއޯއެސްއަށް ފަރުވާހޯދަމުން ގެންދާ ތަރިއެކެވެ. ޝްރޫތީ ވަނީ އޭނާގެ ޕީސީއޯއެސްގެ ތަޖުރިބާއާ ގުޅިގެން އާންމުންނަށް އެކަން ހިއްސާކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ގިނަ ވަގުތު ބަނޑުގައި ރިއްސާފައި ހުންނަ ކަމާއި، ހޯމޯނަލް މައްސަލަތަކުގެ ސަބަބުން މަސައްކަތަަށް ބޮޑެތި އަަސަރު ކޮށްފައިވާކަން އޭނާ ހާމަކޮށްފައިވެ އެވެ.

އޭގެ އިތުރުން މަޝްހޫރު ތަރި ސާރާ އަލީ ޚާން އަކީ ވެސް ޕީސީއޯއެސްއަށް ފަރުވާ ހޯދަމުންގެންދާ ތަރިއެކެވެ. އޭނާ އެންމެ ބޮޑަށް ނަސޭހަތްތެރި ވަނީ ގަވާއިދުން ކަސްރަތުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައިދޭނެ ފަދަ ކާނާ ކައިގެން ހުރުމަށެވެ.

ޕީސީއޯއެސްއާ ހަނގުރާމަ ކުރަމުންދާ ތަރި ސޯނަމް ބުނާގޮތުގައި އޭނާގެ ހަޔާތުގައި ކަންކަމާއި ފިކުރު ބޮޑުވާން ފެށީ ޕީސީއޯއެސްއަށް ޑައިގްނޯސްވި ފަހުންނެވެ. އަދި ހިތްހަމަޖައްސައިދޭ ފަދަ މެޑިޓޭޝަން ކުރުމުގެ ސަބަބުން އޭނާގެ ސިއްހަތަށް ފަރުވާ ލިބުނުކަމަށް ބުނެފައިވެ އެވެ.

މި ލިސްޓުގައި ކަރީނާ ވެސް ހިމެނެ އެވެ. އޭނާގެ ޕީސީއޯއެސް ތަޖުރިބާއާ ގުޅިގެން މައުލޫމާތުތައް އާންމުންނާއި ހިއްސާކޮށްފައިވާއިރު، އެކަމުން އަރައިގަތުމަށްޓަކައި ހަމަ ނިދި ލިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކަރީނާ ފާހަގަކުރި އެވެ.