އަބަދުވެސް އިވޭ ވާހަކަ އެކެވެ. ދަރިން ފިލާވަޅު ދަސްކުރުމާއި ކިޔެވުމާ ދުރު ވާހަކަ އެކެވެ. އެކަމުގެ ސަބަބުން ނަތީޖާތައް ދަށްވާ ވާހަކަ އެވެ. މިފަދަ ބެލެނިވެރިންނަށް މި ހިއްސާކޮށްލަނީ ކުޑަކުދިން ކިޔެވުމަށް ހިތް ޖައްސަން ކުރެވިދާނެ ދެތިން ކަމެކެވެ.
ދަރިން ކިޔެވުމަށް ހިތް ޖެއްސުމަށް ކުރާ މަސައްކަތް ފެށިގެން އަންނަނީ އެންމެ ތުއްތު އިރުން ފެށިގެންނެވެ. ހޯދައިދެވޭ ކުޅޭ އެއްޗިހިން ފެށިގެން ދެއްކޭ ފޮޓޯއާއި ވީޑިއޯތަކަކީ ކުއްޖާގެ ހިތުގައި އުނގެނުމުގެ ޝައުގުވެރިކަން އިތުރުވާ ތަކެއްޗަށް ވާންޖެހެ އެވެ.
ދެން އޮތް ކަމަކީ ފިލާވަޅު ދަސްކުރާ ވަގުތަކީ ކުދިން ގަޔާވާ ވަގުތަކަށް ހެދުމެވެ. މިކަމަށްޓަކައި ތަފާތު އުކުޅުތައް ބޭނުން ކުރެވިދާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ އެ ވަގުތު މައިންބަަފައިން ވެސް ދަރިންނާއެކު އެކަންކަމުގައި ބައިވެރި ވުމެވެ.
އެއާއެކު ދަރިން ކުރާ މަސައްކަތް ފާހަގަ ކޮށް އެ ކުދިންނަށް ތައުރީފް ކުރުމަކީ އިތުރަށް ރަނގަޅަށް މަސައްކަތް ކުރުމަށް އެކުދިންނަށް ލިބިގެންދާނެ ހިތްވަރެކެވެ.
އެއާ ޚިލާފަށް ކިޔެވުމުގެ ކަންކަމުގައި އެހެން ކުދިންނާ އަޅާ ކިޔުމަކީ ކުދިންގެ ހިތްމަރުވެ ހިތްވަރު އެލޭނެ ކަމެކެވެ. އެހެން ކަމުން މިފަދަ އަމަލު ތަކާ ދުރުވާން ޖެހެ އެވެ.
މައިންބަަފައިން އަމިއްލައަށް ކުރާ ކަންކަމުން ދަރިންގެ ހިތުގައި އުނގެނުމުގެ ޝައުގުވެރިކަން އުފެދޭއިރު މިއީ ކޮންމެ މަންމައަކާ ބައްޕައަކު ވެސް ސަަމާލުވާންވީ ކަމެކެވެ.