ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ހައްޔަރުކުރި އޮފިސަރުގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަން ފަށައިފި އެވެ.

2021 އަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު އާރިޔަން ހައްޔަރުކުރީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި ބައެއްގެ ތެރެއިންނެވެ. އެ ތުހުމަތުގައި އާރިޔަންއާ އެކު އެނާގެ އެކުވެރިންތަކެއް ވެސް ހައްޔަރުކުރި އެވެ. ޖަލުގައި ގެންގުޅުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 30 ގަ އެވެ.

މިމައްސަލާގައި އާރިޔަން ހައްޔަރު ކުރި އެންސީބީގެ އޮފިސަރު ސަމީރު ވަންޚޭޑޭ ރިޝްވަތު ހޯދިކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލާގައި އާރިޔަން ފްރޭމް ކުރުމަށް 25 ކްރޯޑް ރުޕީސް އޮފިސަރު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ ވަނީ ސަމީރާ ދެކޮޅަށް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓީގޭޝަން (ސީބީއައި)އަށް ކޮރަޕްޝަން މައްސަލައެއް ހުށަހަޅާފަ އެވެ. މިމައްސަލަ ތަހުގީގު މިހާރު ކުރަމުން އަންނަ ކަމަށް ސީބީއައި ބުނެ އެވެ. އެގޮތުން ސަމީރާ ގުޅުންހުރި ބައެއް ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާރިޔަން ހައްޔަރުކުރި އޮޕަރޭޝަން ހިންގިއިރު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ ނުވަތަ އެންސީބީގެ މުމްބާއީ ޒޯނަލް ޗީފްގެ މަގާމު ހުރީ ސަމީރު އެވެ.

މީގެ ކުރިން އެންޓި ޑްރަގްސް އެޖެންސީން އުފެއްދި ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) އިން ބުނެފައި ވަނީ އޮފިސަރު ސަމީރު ވަންޚޭޑޭ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ގޯސްތަކެއް ހުރި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އެ މައްސަލާގައި 14 މީހަކަށް ތުހުމަތުކުރި ނަމަވެސް އާރިޔަން ހިމެނޭ ގޮތަށް ފަސް މީހަކަށް ދައުވާ ނުކުރާން ވަނީ ނިންމައިފަ އެވެ.

އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ނެތިގެން އެ މީހުން ވަނީ ސަލާމަތްވެފަ އެވެ.