އަނުޝްކާ ޝަރްމާ ދަނީ އޭނާގެ ބަނޑުބޮޑު ފޮޓޯތަކުން އަހަރެމެންގެ ހިތްތައް ކަތިލަމުންނެވެ. އެގޮތުން އެންމެ ފަހުން ވެސް އަނުޝްކާ ކުރި އިންސްޓަގްރާމް ޕޯސްޓަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ.

އެ ފޮޓޯއިން ފެންނަނީ އަނުޝްކާ އޭނާގެ ގޭގެ ތަޅުންގަނޑު މަތީގައި އޮށޯވެގެން އޮތް އިރު އޭނާ ގެންގުޅޭ ކުއްތާ ވެސް ކައިރީގައި އޮށޯވެލައިގެން އޮންނަ ތަނެވެ. މި ފޮޓޯގެ ކެޕްޝަނަކަށް ލިޔެފައިވަނީ "ސީރިއަލް ޗިލާސް އިން ދަ ހައުސް،" މިހެންނެވެ. ކުއްތާ ނުވަތަ ބުޅާ ފަދަ ޖަނަވާރު ގެންގުޅޭ މީހުންނަށް މި ޕޯސްޓާއި "ރިލޭޓް" ކުރެވޭނެ ކަން ގައިމެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިން އަނުޝްކާ ދަނީ ބަނޑުބޮޑުއިރު ވެސް ބަރާބަރަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ އިސްތިހާރު ތަކުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އަނުޝްކާގެ ކުރިއަށް އޮތް އެއްވެސް ފިލްމަކާ ބެހޭ މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައި ނުވީ ނަމަވެސް މި ޕެންޑެމިކް ތެރޭގައި އޭނާ ފާހަގަވެގެން ދިޔައީ ކުޅަދާނަ ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ ޕްރޮޑިއުސްކުރި ފިލްމް "ބުލްބުލް" އަދި "ޕަޓާލް ލޮކް" ވަނީ އެންމެ ފުރަތަމަ ބޭއްވި އޯޓީޓީ ފިލްމުފެއާ އެވޯޑުން ރަންވަނަތަކެއް ހާސިލްކޮށްފަ އެވެ.