އާއިލީ މައްސަލަތައް އުފަންވުމާއި އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ އުފަވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނިކުރުން ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އަލްއުސްތާޒް އިބްރާހީމް މާހިރު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އާއިލާ ތަކުގެ ދުވަހުގެ މުނާސަބަތުގައި ފެމެލީ ކޯޓުގެ އިސްގާޒީ އިބްރާޙީމް މާހިރު ނެރުއްވި ހިތާބުގައި ވިދާޅުވީ އާއިލީ މައްސަލަތައް އުފަންވުމާއި އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ އުފަވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނި ކުރުންކަން ފާހަގަ ކުރެވޭ ކަމަށެވެ.
މާހިރު ވިދާޅުވީ ކައިވެނީ ހަފްލާތަކާ މެދު މަޝްވަރާ ކުރެވޭ ވަރަށް ވެސް ދިރިއުޅުމުގެ މުހިންމު ކަންކަމާ މެދު ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވޭ ކަމަށެވެ. އަދި މައްސަލައެއް ދިމާވުމުން އަވަހަށް ކައިވެނި ރޫޅާލަން ބަޔަކު ހިތްވަރުދޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދެމަފިރިންނާ ސީދާ ގުޅުން ހުރި ކަންކަމުގައި މަޝްވަރާ ނުކޮށް ޒަވާޖީ ހަޔާތް ފެށުމަކީ މައްސަލަަތައް ޖެހުން އަވަސްވާ ސަބަބެއް ކަމަށް ހިތާބުގައި ފަހަގަކުރައްވާފައިވެ އެވެ.
ދަރިންނަށް ބައްޕަ ކުރަންޖެހޭ ހަރަދު ނުދޭތީ އެ ކުދިންގެ މަންމައިން ކޯޓުގައި ރޮމުން ދާއިރު، ދަރިންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން އެދި ބައްޕައިން ކުރާ އާދޭހަކީ ކޯޓުން ފެންނަ ހިތްދަތި މަންޒަރެއް ކަމުގައި މާހިރު ވިދާޅުވި އެވެ.
މާހިރު ވިދުޅާވީ އެގޮތަށް ދިމާވަނީ އެކަންކަމަކީ މަންމަ ނުވަތަ ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ މީހުން ވިސްނާތީ އެވެ. ހަރަދު ލިބުމާއި މައިންބަފައިންނާ އެކު ވަގުތު ހޭދަކުރުމަކީ ކުދިންގެ ހައްގެއްކަން މާހިރު ފާހަގަކުރެއްވި އެވެ.
ދަރިންގެ ވާހަކަތައް އަހާނެ މައިންބަފައިން ނުރުހޭ މީހަކު އެކުދިން ހޯދުމުގެ ކުރިން މައިންބަފައިންނަކީ ދަރިންގެ ވާހަކަތައް އަހާނޭ ބަޔަކު ކަމުގައި ވުމަސް އެ ހިތާބުގައި އިސްގާޒީ ވަނީ ގޮވާލާފަ އެވެ.