ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތައް ބަލައިގަތުމާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި އިސްތިއުނާފު މައްސަލަ އެމަނިކުފާނަށް ނާކާމިޔާބުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށެވެ. އަދި ހެކިބަސް ނަގަން ތާވަލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ޝަރީއަތް ވަނީ ފަސްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުން ޝަރީއަތްތައް މަޑުޖައްސާލުމަށެވެ.
ސުޕްރީމް ކޯޓުން މިރޭ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުން ދެން ކްރިމިނަލް ކޯޓަށް އާރަށު މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދެވޭނެ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމަށް ބަދަލުގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޔާމީން ފާހަގަކުރައްވާ ބޮޑު މައްސަލަ އަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމަށް ނިންމުމެވެ. ކްރިމިނަލް ކޯޓުން ނިންމީ އެ ދެ ބޭފުޅުންގެ ހެކިބަސް ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އާރަށު މައްސަލައިގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.