ފްރާންސްގެ މަޝްހޫރު ކޭންސް ފިލްމް ފެސްޓިވަލްގެ މިއަހަރުގެ އިވެންޓް ފެށިގެން ކުރިއަށްދާއިރު އެ އިވެންޓްގެ ރެޑް ކާޕެޓުން ގިނަ ސެލެބްރިޓީން ވަނީ ފާހަގަ ވެފަ އެވެ.

މިފަހަރުގެ ކޭންސްގައި އިންޑިއާގެ ގިނަ ތަރިންތަކެއް ފެނުނުއިރު އޭގެ ތެރޭގައި ކޭންސްގެ ރެޑް ކާޕެޓުން މުޅިން އަލަށް ފެނުނު ސާރާ އަލީ ޚާން ވެސް ހިމެނެ އެވެ.

ސާރާގެ ކޭންސް ފެނިލުމުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ލައިގެން ހުރި ހެދުމެވެ. އެ އިވެންޓުގައި ސާރާ ލައިގެން ހުރީ މަޑު ރަން ކުލައެއްގެ އިންޑިއާގެ ސަގާފީ ހެދުމެއް ކަމަށްވާ ލެހެންގާ އެކެވެ.

ކޭންސްފަދަ ބައިނަލްއަްވާމީ ބޮޑު ޕްލެޓްފޯމެއްގައި ލެހެންގާއެއް ލައިގެން ދިއުމުން ސާރާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން އޭނާއަށް މުނާސަބަތާ ގުޅޭގޮތުން ހެދުން އަޅަން ނޭނގޭ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ސާރާގެ ދިފާއުގައި ވެސް ބައެއް މީހުން ވަނީ ވާހަކަ ދައްކާފަ އެވެ. ކޭންސްގައި އިންޑިއާގެ ސަގާފަތް ދައްކުވައިދިނީތީ އުފާވާ ކަމަށް އެފަދަ މީހުން ބުނެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސާރާ ދެން އެންމެ އަވަހަށް ފެންނާނީ ވިކީ ކައުޝަލްއާއެކު "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" އިންނެވެ.