އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފި އެވެ.

ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން މިއަދު އެމްޑީޕީން ވަކިވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަފައިވާ ކަމަށެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރަނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. އެ ހުރިހާ ކަމެއް ހަމަޖެހިގެން ދާނީ ޕާޓީ ވުޖޫދުވުމަށް ފަހުގައި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލިޔާސް ވިދާޅުވީ ކުރިއަށް މިއޮތް ދުވަސްތަކުގައި މިހާރު ސަރުކާރުގައި ތިބި މެމްބަރުން ވެސް ފިކުރެއްގެ ދިރުމާއި ގުޅޭނެ ކަމަށެވެ.

"މިފަހަކަށް އައިސް ފެނިގެން ދިޔައީ އެމްޑީޕީގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނާއި މަޖިލިސް މެމްބަރުން ވެސް ގަނެގެން ނޫނީ ޕްރޮޖެކްޓަކަށް އެމީހުން ސަރުކާރުން ބޭނުންވާ ގޮތަށް މަސައްކަތް ކުރުވާތަން. އެކަމުގައި ތާށި ކުރާތަން، އަޅުގަނޑުމެން އެކަހަލަ އެއްވެސް ކަމެއްގަ މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެން ސިޔާސަތުތައް ދަމަހައްޓާނަން ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމަށް ފިކުރެއްގެ ދިރުމާއި ގުޅޭނެ މެމްބަރުން ވާނެ. ސަރުކާރުގައި ވެސް އެބަތިބި މަޖިލިސް މެމްބަރުން ވެސް އެބަތިބި" އިލްޔާސް ވިދާޅުވި އެވެ.

ނަޝީދަށް ތާއީދު ކުރައްވާ 12 މަޖިލިސް މެމްބަރަކު ވަނީ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީން ވަކިވި ނަމަވެސް ރައީސް ނަޝީދު ޕާޓީ އިން ވަކިވެވަޑައެއް ނުގަންނަވަ އެވެ.