އޮލިމްޕަހުގައި މިހާރު ދައްކަމު އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ ޓީޒާ ދައްކާލައިފި އެވެ.
އެސް ޕްރޮޑަކްޝަންސްއާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ "ލޯބިވެވިއްޖެ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި "ލޯބިވެވިއްޖެ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ލީޑް ބަތަލުގެ ރޯލު ކުޅެ، ޑައިރެކްޓްކުރި އިރޮޓިކް ތުރިލާއެކެވެ. މީގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮންއައްޔަ)، އަހުމަދު ނިމާލު އަދި އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެ އެވެ.
"ލޯބިވެވިއްޖެ" ގެ ދެވަނަ ބައެއް އުފައްދަން ނިންމާ އެކަން އިއުލާނުކޮށްފައިވާއިރު މިފިލްމާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
މި ފިލްމުގެ ޓީޒާ އާއްމުކޮށްފައިވާއިރު ޓީޒާއިން ފެނިގެންދަނީ ގިނަ ޒަހަމްތަކާއެކު ސީޒަން ވަރަށް ރުޅިއައިސް ހުންނަތަނެވެ. އަދި އިރުކޮޅަކުން އަތުގައި އޮންނަ ފިސްތޯލަ ނަގައި ސްކްރީނަށް ދިއްކޮށްލައި ޝޫޓްކުރަން ފަށާ އަޑު އިވިގެންދެ އެވެ.
މިފިލްމު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ރަސްމީކޮށް ނުނިންމަ އެވެ.
މީގެ ކުރިން ވެސް ދިވެހި ބައެއް ފީޗާ ފިލްމުތަކުގެ ސީކްއެލްއެއް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރި "ސަނދުރަވިރޭ" ގެ ސީކްއެލް "ސަނދުރަވިރޭ 2" އާއި އަހުމަދު ނިމާލް ޑައިރެކްޓްކުރި "ޒަލްޒަލާ" އާއި އޭގެ ސީކްއެލް "ޒަލްޒަލާ އެނބުރި އައުން" ހިމެނެ އެވެ.