ފުވައްމުލައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުކުރުމަށް އަދި އެރަށާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމެނޭ ވެބްސައިޓް ވިޒިޓް ފުވައްމުލައް މިއަދު ލޯންޗުކޮށްފި އެވެ.

މި ވެބްސައިޓް ލޯންޗްކޮށްފައި ވަނީ މިހާރު ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދާ ތައިލޭންޑް ޑައިވް އެކްސްޕޯގަ އެވެ. އެގޮތުން މިވެބްސައިޓް ލޯންޗްކޮށް ދެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި 25 އަހަރު މަސައްކަތް ކޮށްފައިވާ އަދި މިހާރު ވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ފުވައްމުލަކަށް ނިސްބަތްވާ މުރާދު ހަސަނެވެ.

ވިޒިޓް ފުވައްމުލައް މި ވެބްސައިޓުގައި ފުވައްމުލަކާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބެންހުރެ އެވެ. އެގޮތުން ފުވައްމުލަކުގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ ރީތިކަމުގެ އިތުރުން ފުވައްމުލަކުގައި ހުންނަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުރެ އެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކާބޯތަކެތި ލިބެން ހުންނަ ތަންތަނުގެ މައުލޫމާތާއި ފަތުރުވެރިން ގަޔާވާނެ ފަދަ މައުލޫމާތު މި ވެބްސައިޓް އިން ލިބެންހުރެ އެވެ.

މިމަހުގެ 18 އިން 21 އަށް ތައިލެންޑުގެ ބެންކޮކުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް ދަތުރުފަތުރާއެކު ފުވައްމުލަކުގައި ދެ މީހަކަށް ފަސް ދުވަހުގެ ހުރުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކޮންމެ ފަރާތަކަށް 10 ޑައިވްކުރުމުގެ ފުރުސަތު ވެސް މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ގުރުއަތުން ހޮވޭ ފަރާތެއްގެ ދަތުރުފަތުރުގެ ޓިކެޓްތައް ދިނުމަށް ހަމަޖެހިފައިވާއިރު، ފުވައްމުލަކުގައި އެފަރާތެއްގެ ހުރުމާއި ކެއުންބުއިން ސްޕޮންސާ ކޮށްފައި ވަނީ ފުވައްމުލަކުގެ ގެސްޓު ހައުސްއެއް ކަމަށްވާ އަޓަރެކްސިސް އިންނެވެ. އަދި ޑައިވްތައް ސްޕޮންސާކޮށްފައި ވަނީ ފުވައްމުލަކުގެ ޕެލާޖިކް ޑައިވާސްގެ ފަރާތުންނެވެ.