ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއާ ގުޅިގެން ދިވެހި ސަރުކާރުން މާފަށް އެދިފައިވާ ކަމަށް ޗައިނާގެ ސަފީރު ވެންގް ލިޒިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"ގެ ބަދަލުގައި "ރިޕަބްލިކް އޮފް ޗައިނާ" ބޭނުން ކުރެވިފައިވާ ސަބަބުން ސާފުކޮށް ދީފައިވާ ކަމަށާއި، އަދި އެގޮތަށް ޗައިނާގެ ނަން ބޭނުން ކުރެވިފައިވާތީ މާފަށް އެދިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ގެންގުޅެމުން އައި "ވަން ޗައިނާ" ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާއަށް" ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް ގަސްދުކުރައްވާ ކަމަށެވެ. އެހެން ކަމުން އޭނާ ސަފީރު ކަމަށް ހަމަޖެއްސުމާމެދު މަޖިލީހުން މަޝްވަރާކޮށް ގޮތެއް ނިންމައިދިނުމަށެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔަ އެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ޓައިވާނައަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުތަލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. ރާއްޖެއިން ޒަމާނުއްސުރެ އަންނަނީ ޗައިނާގެ "ވަން ޗައިނާ ޕޮލިސީ"އަށް ތާއީދުކޮށް ދުނިޔޭގައި އޮންނަނީ އެއް ޗައިނާ ކަމަށް ބުނާ ބުނުމަށް ތާއީދުކުރަމުންނެވެ.