ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުން ޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ބާއްވާ ޝަރީއަތަށް، ކުރީގެ ބައެއް ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރުނުވުމުން އޭނާ ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބުނީ، އޭނާ އެ ކޯޓަށް ހާޒިރު ނުވުމުން ޝަރީއަތް ފެށޭ ގޮތް ނުވި ކަމަށެވެ.

އައްބާސްގެ މައްޗަށް، ދައުލަތު ކުރަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ކުރި ޓްވީޓަކާއި އޭގެ ފަހުން ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގައި، ހުޅުޖަހަން ހިތްވަރު ދިން ކަމުގެ ދައުވާ ވެސް ކުރެ އެވެ.

އައްބާސްގެ މައްޗަށް ތުހުމަތު ކުރީ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމުގެ މައްސަލަ އެވެ.

އައްބާސް ވަނީ ކަސްޓަމްގެ ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމު ވެސް ކުރީގެ ސަރުކާރުތަކުގައި ކުރައްވައިފަ އެވެ.