ވޮޝިންޓަން (7 ޖެނުއަރީ)- ރިޔާސީ އިންތިހާބުގައި އެގައުމުގެ ސްޓޭޓްތަކުގެ ކެނޑިޑޭޓުންނަށް ދީފައިވާ އިލެކްޓޯރަލް ކޮލެޖް ވޯޓް ގުނައި ނިންމައި، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެއް އިއުލާންކުރުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި ހަތަރު މީހުން މަރުވެއްޖެ އެވެ.

ޓްރަމްޕަށް ލިބުނު ނާކާމިޔާބީ ގަބޫލުނުކޮށް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކޮންގްރެސް އިމާރާތަށް ގަދަކަމުން ވަދެގެންފަ އެވެ، މިކަމާ ގުޅިގެން އޭރު ކުރިއަށް ދިޔަ ބައްދަލުވުން މެދުކަނޑާލައި ފުލުހުން ވަނީ ކޮންގްރެސް މެމްބަރުންނާއި ނައިބް ރައީސް ހިމާޔަތްކުރުމަށް ހަރަކާތްތެރިވެފަ އެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ވޮޝިންގްޓަން ޑީސީ ގެ މޭޔަރު މައުރިއަލް ބައުސާ ވަނީ ކެޕިޓަލް ސިޓީގައި 15 ދުވަހަށް ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

މޭޔާ ނެރުއްވި ބަޔާނުގައި ކޮންގްރެސް އިމާރާތަށް ވަން މީހުން ތިބީ ހަތިޔާރު ހިފައިގެން ކަމަށާއި، އެމީހުން ކެމިކަލާއި، ގަލާއި އަދި އެހެނިހެން އެއްޗެހި ހަމަލާދިނުމަށް ބޭނުންކޮށްފައިވެ އެވެ. ހަމަނުޖެހުން މިހާރަށް ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އިތުރަށް ހަމަނުޖެހުން ހިންގަފާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

ކާފިއު އިއުލާން ކުރުމާއެކު ހަވީރު 6 ގެ ފަހުން މަގުތަކުގައި އުޅޭ މީހުން ގެއަށް ފޮނުވާލައި ހަމަޖެހުން ގާއިމްކުރުމަށް އެހެނިހެން ބާރުތައް އިދާރާތަކަށް ދީފައިވެ އެވެ.

ވޮޝިންޓަންގެ ޕޮލިސް ޗީފް ރޮބާޓް ކޮންޓީ ވިދާޅުވީ މިހާތަނަށް 52 މީހަކު ހަމަނުޖެހުންތަކާއި ގުޅުންހުރި ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ކަމަށެވެ. އަދި ކޮންގްރެސް ތެރެއިން ދެ ޕައިޕް ބޮމް ފެނިފައިވާ ކަމަށާއި އަދި ބޭރުގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ކޫލަރު ތެރެއިން ބަޑި އެއްވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަނުޖެހުންތަކުގައި 14 ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ކޮންޓީ ވިދާޅުވި އެވެ.

ކެޕިޓަލް ބިލްޑިންގަށް ވަދެ ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރައްވައި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިއީ އެމެރިކާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ބިލްޑިންގެ ދޮރުތައް ހަލާކުކޮށް، އެ އިމާރާތްތަށް ވަދެ ތަކެއްޗަށް ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ވެސް ބައެއް ދަނީ ބުނަމުންނެވެ. ސީއެންއެން