މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫގެ އުފަން ދުވަހެވެ. އޭނާ އަށް ގިނަ ބަޔަކު ދަނީ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.
މިގޮތުން މިނިސްޓަރު އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓު، އަހްމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަހްމަދު މަހްލޫފް(އެލީ) ވެސް މިވަނީ ބިޕާޝާއަށް އުފަންދުހަގެ ތަހުނިޔާ ކިޔާފަ އެވެ.
ބިޕާޝާ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އާއި އެކު ނަގާފައިވާ ފޮޓޯއަކާއި އެކު ހިންދީ ބަހުން ލައިބާކުރި ޓުވީޓުގައި "ބިޕާޝާ ދައްތައަށް އުފާވެރި އުފަންދުވަހަށް އެދެން،" މިހެން ލިޔެފައިވާ އިރު ވަރަށް އަވަހަށް ބިޕާޝާ ދައްތަ އާއި ކަރަން ބޭބެއާ ރާއްޖެއިން ދިމާވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ލިޔެފައިވެ އެވެ.
ބެލެވޭ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ދެމަފިރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް ނަގާފައިވާ ފޮޓޯއެކެވެ.
ދާދި ފަހުން މަހްލޫފް އާއިލާއާއެކު އިންޑިއާގެ މުމްބާއީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ލައިބާއާއެކު ކަޕިލް ޝަރްމާގެ ޝޯގައި ބައިވެރިވެފަ އެވެ. އަދި ލަވަކިޔުންތެރިޔާ ޝާންއާއެކު ލައިބާއަށް ލަވަކިޔުމުގެ ފުރުސަތު ވެސް ވަނީ ހޯދައިދީފަ އެވެ.
މި ބައްދަލުވުމުގެ ފޮޓޯތައް ލައިބާގެ ޓުވިޓާގައި ވަނީ ހިއްސާކޮށްފަ އެވެ.
މަހްލޫފް ފާހަގަވެގެން ދަނީ ބޮލީވުޑް އާއި ވަރަށް ރައްޓެހި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން 2015 އަހަރު އޮތް އައިފާ އެވޯޑްއަށް މަހްލޫފް އާއި އަނބިކަނބަލުން ނަޒްރާ ނަސީމް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މި ހަފްލާގައި ބޮލީވުޑްގެ ގިނަ ތަރިންނާއި އެކު ނަގާފައިވާ ފޮޓޯތައް އެ ދެމަފިރިންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.