ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މުދާ ދައުލަތަށް ނަގަން މިއަދު ކްރިމިނަލް ކޯޓުގައި އެދުނު އެދުމަކީ ޣައިރު ގާނޫނީ އެދުމެއް ކަމަށް ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑރ. ޖަމީލު ވިދާޅުވީ އެބޭފުޅުން އެ ޙަވާލާދޭ ގޮތަށް މީހެއްގެ މުދާ ނެގުމަކީ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމެއް ނުއެއް ދަނޭ އެބޭފުޅުން އެ ޙަވާލާދޭ ގޮތަށް މީހެއްގެ އެކައުންޓުގައި ހުރި އެ މީހާއަށް އެއީ ކިހިނެއްކަން ބުނެ ނުދެވޭ ކޮންމެ އެއްޗެއް ނެގޭ ގޮތަކަށް ނެތް. އެ ދައުވާ އުފުލުނު ހިސާބުގައި އަމުދުން ނެތް އަދި މިހާރު ވެސް ނިޒާމުގައި ނެތް ކަނޑައެޅިފައި. މުޅި ދައުލަތުގެ ދައުވާގެ އެއްވެސް އަސާސެއް ނެތް. ދައުލަތުން މިއުޅެނީ ކޮނޑަށް ފުރޯއެއް ލައިގެން ފެންނަ ކޮންމެ މީހަކު މަރަން ޖެހޭ ކަމަށް ފެންނަނީ. ތަސައްވަރު ކުރެވެނީ އެގޮތަށް،" ޑރ. ޖަމީލު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރިޝްވަތަކީ ކޮބައިކަމާއި ރިޝްވަތަށްވީ ކިހިނެތްކަމާއި ކޮންގޮތަކަށްކަން ދައުލަތަށް ބުނެ ނުދެވުނު ކަމަށެވެ.

ޑރ. ޖަމީލު ވަނީ ދިފާއަށް ބޭނުންވާ މައުލޫމާތު ނުލިބޭތީ އެކަމުގެ ކަންބޮޑުވެން ވެސް ފާޅު ކުރައްވާފަ އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129ވަނަ މާއްދާގެ (ބ) (ކ) ގައި އެބަވޭ ދިފާއަށް ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ދޭން ޖެހޭނެ ކަމަށް. އެލިޔެކިޔުންތައް ހޯދުމަށްޓަކައި މިހާރު ބުނެދީފައިވާ މަގަކީ ދާށޭ މަޢޫލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން،" އެމަނިކުފާނު ވިދާޅުވި އެވެ. "މިއުޅެނީ އަދީބު ގޭގައި ހުންނަނީ ކީއްވެތޯ ނޫސްތަކުން ހޯމް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ވެސް ނުދީގެން. މިދައްކަނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ވާހަކަ. މިއީ ހަގީގަތުގައި ޖިނާއީ އަދުލުގެ ނިޒާމް ދަންނަ ކަމެއް ނޫން އެފަދަ މުހިއްމު މައުލޫމާތުތައް ދޭންޖެހޭނީ ކޯޓު މެދުވެރިވެގެން ދޭންޖެހޭ އެއްޗެއްގެ ގޮތުގައި.".

ޑރ.. ޖަމީލު ވިދާޅުވީ މިއަދުގެ ޝާރީއަތުން ފެނިގެން ދިޔައީ އެމްއެމްޕީއާރްސީއާއި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ބޭނުންކޮށްގެން ފަހުން މިސަރުކާރު ވެރިކަމަށް އައިސް އުފައްދާފައި އޮތް ދައުވާތަކެއްގެ މައްޗަށް ކުރެވުނު ދައުވާއެއްގެ ގޮތުގައި ކަމަށެވެ.

"300 އެތަކެއް މީހުންގެ މައްޗަށް ތުހުމަތުކުރެވޭއިރު ގާނޫނުތައް އެކި ގޮތްގޮތަށް ބަދަލު ކޮށްގެން ވެސް ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރެވޭތީ ކަންބޮޑުވޭ. މިސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެތައް ބަޔަކު ލިސްޓުގައި ހިމެނޭ،" އިސް ވަކީލު ވިދާޅުވި އެވެ. "އިދިކޮޅު ލީޑަރުގެ މައްޗަށް ކުރެވެނީ ހަމަ ސިޔާސީ ދައުވާއެއް. އިންތިހާއަށް ދަތި އެބަހުރި. މުވައްކިލާ ބައްދަލުނުކުރެވި އެތައް ދުވަހެއް ހިނގައްޖެ. ޝަރީޢަތުގައި ދިފާއަށް ބޭނުންވާ ކަންކަން ފަހިވެގެން ނުދިޔަ. ބައެއްފަހަރު އެބަ ހީވޭ ފަނޑިޔާރު ވަކި ގޮތަކަށް ނިންމަވައިގެން އިންނަވާކަމަށް. މައްސަލައިގައި ބޮޑެތި ކަންބޮޑުވުން އެބަހުރި."

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހު ވިދާޅުވީ ސާފުނުވާ ދައުވާއެއްގެ މައްޗަށް ބިނާކޮށް އެދައުވާ ސާފުވެއްޖެ ކަމަށް ޝަރީއަތުގައި ކަނޑައެޅުމަކީ ޖިނާއީ އިޖުރާތު ދަންނަކަމެއް ނޫން ކަމަށެވެ.

"އެއީ ޝަރީއަތަކަށް ކަނޑައެޅޭނެ ކަމެއް ނޫން. ކޮބައިތޯ މީގެ އާޖެންސީއަކީ؟ ކީއްވެތޯ މިހާ އަވަސް އަރުވާލައިގެން މިއުޅެނީ؟ ކްރިމިނަލް ކޯޓުގައި އެބަހުރި އެތައް އެތައް ދައުވާތަކެއް އެތައް ދުވަސްވީ ހަމަ އަވަހަށް ނިންމަންވީ ނޫންތޯ؟ ރައީސް ޔާމީންގެ ޝަރީއަތް ވީމަތޯ މިހާ އަވަސް އަރުވާލައިގެން މިއުޅެނީ؟" އޭނާ ސުވާލު ކުރެއްވި އެވެ.

ވަކީލު އާދަމް އާސިފް ވިދާޅުވީ މިސަރުކާރުގެ އިސްވެރިން އެކި މަޖިލިސްތަކުގައި ރައިސް ޔާމީނަށް ހުކުމްކުރާ ވާހަކަ އަބަދު ދައްކަމުންދާ ކަމަށާއި އިދިކޮޅު ލީޑަރަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.

"މި ހިނގަމުންދާ މަޖިލީހުގައި ވެސް އެބަތިބި އެމްއެމްޕީއާރްސީގެ ފައިސާ ފަރިކުޅުއްވައިގެން ތިއްބެވި ބޭފުޅުން. އެބޭފުޅުންނަށް ދައުވާ ނުކުރަނީ ކީއްވެތޯ؟" އާސިފް ސުވާލު ކުރެއްވި އެވެ.

މިއަދުގެ އަޑު އެހުމުގައި ދައުލަތުން އިއްވާފައިވާ ދައުވާތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ދައުވާތައް ސާފު ނުވާ ކަމަށެވެ. ނަމަވެސް ދައުވާ އަޑުއިވި، ދައުލަތުން އަމާޒުކުރާ ކަންކަން ކޮންމެވެސް ވަރަކަށް އޮޅުން ފިލާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ރިޝްވަތުގެ ތަފްސީލު ދެއްވަމުން ދެއްކެވި ވާހަތަކަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. ދައުލަތުން ކުރާ ދައުވާގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ މީހަކު ވިޔަފާރިއެއް ކުރިކަމަށް ބުނާއިރު، ދައުލަތަށް އެވިޔަފާރިއެއް ކުރިގޮތެއް ސާފުކޮށް ނުދެވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސަކަށް ހުންނަ މީހަކީވެސް އޭނާގެ އަމިއްލަ ފައިސާއާއި، ސިޔާސީ ކަންކަމަށް ލިބޭ ފައިސާ ހުންނާނެ މީހަކަށްވާއިރު، އެފައިސާ ލިބުމަކީ އެއީ ގާނޫނީ ކުށަކަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަށް ބަދަލު ކުރުމަކީ އެއްވެސް ހާލެއްގައި ވިޔަފާރިއަށް ބަދަލުވެ ގާނޫނީ ކުށަކަށް ވާންޖެހޭ ސަބަބެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.