ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރު ކޮށްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެއީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިންވެސް 15 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް އަނެއްކާވެސް ޖަހާފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިމައްސަލާގައި ފުލުހުން ހޯދަމުންދާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ވަނީ މިދޔަ އަންގާރަ ދުވަހު އަމިއްލައަށް ފުލުހުންނާއި ހަވާލުވެފަ އެވެ. އޭނާގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މެންބަރު ޒަރީރަށް ހަމަލާދިނީ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ ފަތިހު 5:08 ހާއިރު އެވެ. އޭނާއަށް ހަމަލާދިނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް ކަމަށްވެސް ފުލުހުންގެ ހާމަކޮށްފައިވެ އެވެ. ހަމަލާދިނުމުގެ ސަބަބުން އޭނާގެ ބޮލަށް ލިބުނު އަނިޔާއަށް އޭޑީކޭގައި ވަނީ ފަރުވާ ހޯދާފަ އެވެ.