ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ފިލްމީ ދާއިރާއަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ މެސީ ފެނިގެންދާނީ އާޖެންޓީނާގެ ސީރިޒްއަކުނެވެ. މެސީ ފެނިގެންދާނީ "ލޮސް ޕްރޮޓެކްޓޯރެސް"ގެ ދެ ވަނަ ސީޒަނުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މި ސީރީޒަކީ ފުޓްބޯޅަ ތިން ކުޅުންތެރިންގެ މައްޗަށް ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ.

"ލޮސް ޕްރޮޓެކްޓޯރެސް" ފުރަތަމަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަންނެކެވެ. މިހާރުވެސް އާޖެންޓީނާގެ ސްޓާ+ އިން ބަލާލެވޭނެ އެވެ. ދެވަނަ ސީޒަން ޕްރިމިއާ ކުރާނީ ޖޫން 25 ވަނަ ދުވަހު އެވެ.

"ލޮސް ޕްރޮޓެކްޓޯރެސް"ގައި ލީޑް ރޯލުން ފެނިގެންދާނީ އެޑްރިއަން ސުއާ، އަންޑްރެސް ޕާރާ، އަދި ގުސްޓާވޯ ބަރްމޫޑޭޒް އެވެ.

އާޖެންޓީނާގެ ކުޅުންތެރިޔާ ވަނީ ބާސެލޯނާ އާއި ޕީއެސްޖީ އަށް ލިބުނު އެހެން ޝަރަފުތަކުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ވެސް ހޯދައިފަ އެވެ. އޭނާ ވަނީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ތަށި ވެސް އާޖެންޓީނާ އަށް ކާމިޔާބުކޮށްދީފަ އެވެ.