ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފުވުމުން ކޮވިޑްގެ ކޭސްތަކެއް ފެނި ގއ. ދެއްވަދޫ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އެކަމާ ގުޅިގެން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މިހާރު ވަނީ މަނާކޮށްފަ އެވެ.

ދެއްވަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ގިނަވެގެން އުޅެނީ ހޯމް ކަރަންޓީނުގައި ތިބި ބަޔަކާ ބައްދަލުކުރި ބަޔަކު ޕޮޒިޓިވްވުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ދެއްވަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި ތިން މަހުގެ ތުއްތު ކުއްޖަކާ އުރައި ހެދި އެ ކުއްޖާގެ އާއިލާގެ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އާއިލާގެ މީހުން އެ ކުއްޖާ އުރައި ހެދީ އެ ކުއްޖާގެ ނަތީޖާ ނެގެޓިވް ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން އެނގުމުން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އެކުއްޖާ އުރައި ހެދިފަހުން އަތޮޅު ހޮސްޕިޓަލުން މި އަންގަނީ ތިމަންނަމެންނަށް ކުރިން ބުނެވުނީ ރަނގަޅަކަށް ނޫނޭ. އެ ކުއްޖާ ޕޮޒިޓިވްއޭ. މިހެން ބުނިއިރު އެތައް ބަޔަކަށް މިއޮތީ ބަލި ޖެހިފައި، ކައުންސިލަރު ވިދާޅުވި އެވެ.

އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ މީހަކު ވެސް ހިމެނެއެވެ. އަދި އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވެފަ އެވެ.

ކައުންސިލަރު ވިދާޅުވީ އެރަށުން އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް އަމަލުތައް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.