ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ އިއުލާން ބާތިލްކޮށްފި އެވެ.

ފެމިލީ ކޯޓް ގާޒީގެ މަގާމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެއިއުލާނާ ގުޅިގެން 25 ބޭފުޅަކު ގާޒީ ކަމަށް ކުރިމަތިލާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ބުނީ ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާ ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތައްވެސް ވަނީ ބާތިލްކުރެވިފައިވާ ކަމަށެވެ.

އިއުލާން ބާތިލުކުރި ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.

ފެމެލީ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ދިވެހިންނަށް އެކަންޏެވެ.

އާއިލާއާ ބެހޭ ކޯޓުގެ ގާޒީއަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 46،000 ރުފިޔާ ލިބެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.