އިސްތަންބޫލް (މެއި 29) - ތުރުކީގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން، މިހާރުގެ ރައީސް ރަޖަބު ތައްޔިތު އުރުދުޣާން ކާމިޔާބު ކުރައްވައިފި އެވެ.

ވޯޓު ގުނުން ނިމުމަކާ ހަމައަށް ދިޔައިރު އުރުދުޣާން ވަނީ 52 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ. ފުރަތަމަ ބުރުގެ ވޯޓުލުމުގައި އުރުދުޣާން އަށް ލިބިވަޑައިގެންނެވީ 49.52 ޕަސެންޓް ވޯޓެވެ. އިދިކޮޅު ހަ ޕާޓީ ގުޅިގެން ނެރުނު ކެންޑިޑޭޓް ކަމާލް ކިލިކްޑަރޮގްލޫ އަށް ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ 45 ޕަސެންޓެވެ. ކަމާލް ވިދާޅުވީ އިންތިޚާބު އިންސާފުވެރި ނޫން ކަމަށާއި ނަތީޖާ އޭނާ ގަބޫލް ނުކުރައްވާނެ ކަމަށެވެ.

ތުރުކީގެ ވެރިކަމުގައި 20 އަހަރު ހޭދަކުރެއްވި އުރުދުޣާން އަށް އިތުރު ދައުރެއް ރައްޔިތުން ދިނީ ތަކެތީގެ އަގު 40 ޕަސެންޓް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. އަދި އެ ގައުމަށް އައި ބާރުގަދަ ބިންހެލުމުގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވުމުން، އިމާރާތް ކުރުމުގެ ރައްކާތެރިކަމާ މެދު ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ތުރުކީގެ ރައީސް އުރުދުޣާން އަދި އިދިކޮޅު ކެންޑިޑޭޓް ކަމާލް ކިލިކްޑަރޮގްލޫ

އުރުދުޣާން ވަނީ އިތުރު ފަސް އަހަރުގެ ދައުރެއް ރައްޔިތުން އޭނާ އަށް ދެއްވީތީ ޝުކުރުއަދާ ކުރައްވައިފަ އެވެ. އަދި ތުރުކީގެ ވެރިކަން ހިންގުމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ މުޅިން ސާފު ނުވެ އުޅެނިކޮށް އުރުދުޣާންގެ ސަޕޯޓަރުން ވަނީ ރިޔާސީ ގަނޑުވަރު ދޮށަށާއި ބޮޑެތި މަގުތަކަށް ނުކުމެ އުފާ ފާޅު ކުރަން ފަށައިފަ އެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުނު ނަމަވެސް އުރުދުޣާން ބަލިކުރުމަކީ އުނދަގޫ ކަމެއް ކަމަށް ތަޖްރިބާކާރުން ކުރިން ވެސް ވަނީ ބުނެފަ އެވެ. ސަބަބަކީ 85 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ނޭޓޯގެ މެންބަރު ގައުމުގައި ވޭތުވެދިޔަ 20 އަހަރު ވެރިކަމުގެ ވަކި އުރުދުޣާން ރަނގަޅަށް ހިއްޕާލާފައިވާތީ އެވެ. ތުރުކީގެ މައިގަނޑު މީޑީއާތައް ކޮންޓްރޯލް ކުރަނީ އުރުދާނުގެ ވަފާތެރިންނެވެ. އޭޕްރީލް މަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކެމްޕޭނަށް ރަސްމީ ޓީވީން އުރުދުޣާން އަށް 32 ގަޑި އިރާއި 42 މިނިޓު ދިން އިރު ވާދަވެރި ކެންޑިޑޭޓް ކަމާލަށް ދީފައި ވަނީ އެންމެ 32 މިނިޓެވެ.

ތުރުކީގެ އިދިކޮޅު ކެންޑިޑޭޓް ކަމާލް ކިލިކްޑަރޮގްލޫ

އުރުދުޣާންގެ އޭކޭ ޕާޓީން ދަނީ ނޮވެމްބަރު 2002 އިން ފެށިގެން ތުރުކީގައި ވެރިކަން ކުރަމުންނެވެ. ދެހާސް ތިނަކުން ފެށިގެން ތުރުކީގެ ވެރިކަން ކުރައްވަމުން ގެންދަވަނީ އުރުދުޣާން އެވެ. ފުރަތަމަ އެއީ ބޮޑުވަޒީރެވެ. ދެން 2014 ވަނަ އަހަރުން ފެށިގެން ރައީސެއްގެ ގޮތުގައި ދިޔައީ އަންކަރާގައި ހަދާފައިވާ ބޮޑު ގަނޑުވަރުގައި ވެރިކަން ކުރައްވަމުންނެވެ. ތުރުކީ އަށް 2016 ގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު ވަނީ އުރުދުޣާންގެ ބާރު ވަކިން ގަދަކޮށްފަ އެވެ.